ރާއްޖެއަށް ސައުދީ އަރަބިއާއިން 25،000 މުސްޙަފް މިއަދު ހަދިޔާކޮށްފިއެވެ.
މި މުސްޙަފްތަކަކީ، މާލެއާއި އަތޮޅުތަކުގެ ޤުރްއާން ކުލާސްތަކާއި ޤުރްއާން ހިތުދަސްކުރުމުގެ މަޝްރޫޢުތަކަށް ބޭނުންކުރުމުގެ ގޮތުން ސައުދީ ސަރުކާރުން ހަދިޔާކުރި މުސްޙަފްތަކެކެވެ.
އިސްލާމިކް މިނިސްޓްރީއާ ހަވާލުކުރި މި މުސްޙަފްތަކުގެ ފުރަތަމަ ޝިޕްމެންޓުގައި، 25،000 މުޞްޙަފު ސައުދީ އަރަބިއާގެ ސަރުކާރުން ވަނީ ރާއްޖެއަށް ފޮނުވާފައެވެ.
މި މުސްޙަފުތައް ހަވާލުކޮށްފައި ވަނީ އިސްލާމިކް މިނިސްޓްރީއާއި ސައުދީ އެމްބަސީއާ ގުޅިގެން ބޭއްވި ރަސްމިއްޔާތެއްގައި، މިއަދު އިސްލާމީ މަރުކަޒުގައެވެ.
މި މުސްޙަފްތައް މިނިސްޓްރީއާ ހަވާލުކޮށްދެއްވީ ސައުދީ އެމްބަސީގެ ފަރާތުން ޗާޖް ޑި އެފެއަރޒް ފަހުދު އަލްދޯސްރީ އެވެ. އަދި އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން މުސްޙަފްތަކާއި ހަވާލުވެލެއްވީ މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.
މި ފުރުޞަތުގައި ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބުން ޢަބްދުލް ޢަޒީޒާއި އެ މަނިކުފާނުގެ ވަލިއްޔުލް ޢަހުދު އަލްއަމީރު މުޙައްމަދު ބުން ސަލްމާންއަށް ދިވެހިރާއްޖެއަށް ވެދެއްވާ ދީލަތި އެހީތެރިކަމަށް ޓަކައި އިސްލާމިކް މިނިސްޓަރ ޝަހީމް ވަރަށް އިޚްލާޞްތެރިކަމާ އެކު ޝުކުރެއް އަދާކުރުވައްވައިވައެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤުރްއާން ކުލާސްތަކާއި ޤުރުއާން ހިތުދަސްކުރުމުގެ މަޝްރޫޢު ފުޅާކުރުމަކީ ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާއްސަ އިސްކަމެއް ދެއްވާ ކަމެކެވެ.
މިއަދު ސަޢުދީ ސަރުކާރުން ހަދިޔާ ކުރެއްވި 25،000 މުސްޙަފަކީ މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ބޭނުން ކުރެވިގެންދާނެ މުސްޙަފްތަކެކެވެ. މިއީ މި ސަރުކާރާއި ސަޢުދީ ސަރުކާރާއި ދެމެދު އޮތް ޒަމާންވީ ގުޅުން ދައްކުވައިދޭ ކަމެކެވެ.




