އިންޓާ މިއާމީއަށް ސޮއިކުރުމުގެ ކުރިން ކުރީގެ ކްލަބް ބާސެލޯނާއަށް އެނބުރި ދާން ބޭނުންވިކަމަށް ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރާ ލިއޮނެލް މެސީ ބުނެފިއެވެ.
އީއެސްޕީއެންގެ ސިމްޕްލެމެންޓެ ފުޓްބޯލްގައި ކިކެ ވޯލްފްއަށް ދިން އިންޓަވިއުއެއްގައި މެސީ ބުނީ ބާސާއަކީ އަބަދުވެސް އޭނާ އެންމެ ދާން ބޭނުންވި، ބޭނުންވާ ކްލަބް ކަމާއި، ނަަމަވެސް ދެވަނަފަހަރަށްވެސް އެކަން ނުވި ކަމަށެވެ.
މެސީ އިތުރަށް ބުނި ގޮތުގައި އިންޓަރ މިއާމީއަށް ދިއުމަކީ އާއިލީ ނިންމުމެއް ކަމަށާއި، 2022 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކުރުމުގެ ވެސް ވަރަށް ބޮޑު އަސަރެއް އެ ނިންމުމުގައި އޮތް ކަމަށެވެ.
”ބާސާއަށް ދާން ބޭނުންވި ނަމަވެސް ފަހުން އެހިޔާލު ބަދަލުވީ. އަހަރެންނަށް ވަރަށް ސާފުކޮށް އެނގުނު ޔޫރަޕްގެ އެހެން ޓީމެއްގައި ކުޅޭކަށް ބޭނުމެއް ނުވާކަން. އެއިން އެއްވެސް ޓީމަކަށް ދާކަށް މިހާރު ބޭނުމެއް ނުވޭ.“ މެސީ ބުނެފައިވެއެވެ.
އާޖެންޓީނާގެ ކެޕްޓަން އިތުރަށް ބުނެފައިވަނީ އެމެރިކާގެ ތަޖުރިބާ ކުރުމަށާއި ކުރިއަރަމުން އަންނަ ލީގަކަށް ގުޅެން ބޭނުންވެފައިވާ ކަމަށެވެ.
ބާސެލޯނާއަށް އެނބުރި ދެވެން ނެތް ސަބަބު މެސީ ސީދާ ހާމަކޮށްފައި ނުވި ނަމަވެސް، ކްލަބުން ވަނީ މާލީ ދަތިތަކާ ކުރިމަތިލަމުން، ޚާއްސަކޮށް ލަ ލީގާގެ ފައިނޭންޝަލް ފެއަރ ޕްލޭ ގަވާއިދުތަކާ އެއްގޮތަށް ޢަމަލުކުރުމުގައި ގިނަގުނަ ގޮންޖެހުންތަކާ ކުރިމަތިލަމުންނެވެ.
އުމުރުން 37 އަހަރުގައި މެސީ އިންޓާ މިއާމީއަށް ސޮއިކުރީ 2023 ވަނަ އަހަރުއެވެ. ބާސާ ދޫކޮށްލުމަށް ފަހު މެސީ ކުޅުނީ ފްރާންސްގެ ޕީއެސްޖީއަށެވެ.




