އިންޑިއާ ސިނަމާގެ މަޝްހޫރު ޑައިރެކްޓަރު ކަރަން ޖޯހަރު އޭނާގެ ހަށިގަނޑުގެ ބަރުދަން ލުއިކުރުމަށް ގެންގުޅުނު ގޮތްތައް ހާމަކޮށްފިއެވެ.
އިންސްޓަގްރާމްގައި ބޭއްވި ލައިވް ޝޯއެއްގައި ކަރަން ބުނި ގޮތުގައި މިކަމަށް ފަށައިގަނެވުނީ އޭނާގެ ލޭގެ ޕްރެޝަރު ރަނގަޅު މިންގަނޑެއްގައި ބެހެއްޓުމަށް ކުރަންޖެހުނު މަސައްކަތުގެ ތެރެއިންނެވެ.
އޭނާގެ ބަރުދަން ލުއިކުރުމަށް އެންމެ ބޮޑު އެއް ބަދަލެއްގެ ގޮތުގައި ގެނައީ ދުވާލަކު އެއްފަހަރު ކެއުމުގެ އާދައެވެ. މީގެ އިތުރުން ޕެޑްލްބޯލް ކުޅުމާއި ފެތުން ފަދަ ކަސްރަތުތައް ވެސް އޭނާގެ ދިރިއުޅުމަށް ތަޢާރަފުކުރިއެވެ.
ކަރަން ބުނި ގޮތުގައި އޭނާގެ ހަށިގަނޑަށް އައި ހެޔޮ ބަދަލުތަކުގެ އަސްލަކީ ރަނގަޅު ކާނާއާއި ދުޅަހެޔޮ އާދަތަކެވެ. މީގެ ތެރޭގައި ކެއުމުގެ ކަންކަމަށް ވިސްނުން ބެހެއްޓުމާއި، ގަވާއިދުން ކަސްރަތުކުރުމާއި، ނަފްސާނީ ދުޅަހެޔޮކަމަށް އިސްކަންދިނުން ހިމެނެއެވެ.
އޭނާގެ ހަށިގަނޑަށް އައި ބަދަލާ ގުޅިގެން އެކި ވާހަކަތައް ދެކެވުނު ނަމަވެސް، ކަރަން ވަނީ މި ބަދަލުތައް ގެނައީ އެއްވެސް ބޭހެއްގެ އެހީއަކާ ނުލައި، ހަމައެކަނި ރަނގަޅު އާދަތަކެއް އަށަގަނެގެން ކަމަށް ސާފުކޮށް ބަޔާންކޮށްފައެވެ.
ކަރަން ވަނީ 4 މަސް ދުވަސް ތެރޭގައި 17 ކިލޯ ލުއި ކޮށްފައެވެ.


