އެންމެހައި ޙަމްދު ތައުރީފާއި ޘަނާ ޙައްޤު ވެގެން ވަނީ މަތިވެރި ﷲއަށެވެ. ފާފަ ފުއްސެވުމަށާއި، އެހީތެރިކަމަށާއި މަދަދަށް އެދެނީ އެކަލާނގެ ޙަޟްރަތުންނެވެ. އަދި ވަކީލު ކުރަނީ ވެސް ހަމަ އެކަލާނގެއަށެވެ. އަދި ﷲ މެނުވީ ޙައްޤުވެގެން އަޅުކަން ވެވޭ އެހެން އިލާހަކު ނުވާ ކަމަށާއި މުޙައްމަދު (ޞޢވ)އަކީ އެކަލާނގެ ފޮނުއްވި ރަސޫލާ ކަމަށް އަޅު ހެކިވަމެވެ. އެމާތް ނަބިއްޔާއަށާއި އެކަލޭގެފާނުގެ އާލު އަސްޙާބުންނާއި، ޤިޔާމަތަށް ދާންދެން އެބޭކަލުންނަށް ތަބަޢަވީހައި ބަޔަކަށް ޞަލަވާތާއި، ސަލާމާއި، ބަރަކާތްލައްވާށިއެވެ. އާމީން!
މިއަދުގެ ހުކުރު ޚުތުބާ ޚާއްސަ ކޮށްލާފައިވަނީ ފަރުޟު ޒަކާތާއި އިޤްތިޞާދާ ހުރި ގުޅުމުގެ މައްޗަށެވެ.
ޚުތުބާގައި ފާހަގަ ކޮށްފައިވާ ގޮތުގައި، ފަޤީރުކަމުގެ ޙާލަތަކީ ޢަޤީދާގެ ގޮތުންނާއި، ފިކުރުގެ ގޮތުންވެސް އިންސާނާގެ ނަފުސު އަޅުވެތިކޮށްލާ ކަމެކެވެ. އެހެންކަމުން، ފަޤީރުކަމަކީ އަބުރުވެރި އިންސާނަކު، އޭނާއާ ކުރިމަތިވާން އެދޭނޭ ޙާލަތެއްނޫނެވެ.
އެހެންނަމަވެސް، މީހަކަށް ކުރިމަތިވާ ކަމެއްގެ ސަބަބުން އޭނާގެ ގައިބާރު ދެރަވެ، ދިރިއުޅުމުގެ ޒަރޫރަތްތައް ފުއްދޭނެ ގޮތެއްނެތި، އަނެކުންގެ އެހީތެރިކަމަށް އެދެންޖެހޭ ޙާލަތްތައް މެދުވެރިވެއެވެ. ކޮންމެ ކޮންމެ މީހަކު މިފަދަ މީހަކަށް އެހީތެރިވެ، އޭނާގެ ބޭނުންތައް ފުއްދައި ނުދީފާނެއެވެ.
އިސްލާމް ދީނުގައި ޝަރުޢުކުރައްވައިފައިވާ ޒަކާތުގެ ދައުރު ޖެހެނީ މި ހިސާބުންނެވެ. ޒަކާތް ފަރުޟުކުރެއްވީ މުއްސަނދީންގެ މުދަލުން އެ ނަގައި، އޭގެ ޙައްޤުވެރީންނަށް އަދާކޮށްދިނުމަށްޓަކައެވެ.
އިސްލާމް ދީނުގައި މުދާ ހޯދުމާއި، މުދާ މިލްކުކުރުމާއި، މުދާ ހޭދަކުރުމަށް ވަރަށް ފުރިހަމަ ފަލްސަފާއެއް ކަނޑައަޅުއްވައިފައި ވެއެވެ. އެއީ ވަޟުޢީ ނަޒަރިއްޔާތަކާ މުޅީން ޚިލާފު ނަޒަރިއްޔާއެކެވެ.
މި ނަޒަރިއްޔާގައި މުދަލުގެ ޙަޤީޤީ މިލްކުވެރި ފަރާތަކީ ﷲ سبحانه وتعالىއެވެ. އިންސާނާއަކީ އެ މުދަލާ ޙަވާލުވެގެންހުރި މީހާއެވެ. އެހެންކަމުން މުދާ ހޭދަކުރާންވާނީ އެ މުދާ ދެއްވި ފާރަތްކަމުގައިވާ ﷲ سبحانه وتعالى އެދިވޮޑިގަންނަވާ ގޮތަށެވެ. އެކަލާނގެ ވަޙީކުރައްވައިފައިވާ އާޔަތެއްގެ މާނައިގައިވެއެވެ.
”އަދި އެ ތަކެއްޗާމެދު، އެކަލާނގެ ތިޔަބައިމީހުން خَلِيْفَةވެރިންކަމުގައި ލެއްވި ތަކެތީން ތިޔަބައިމީހުން ހޭދަކުރާށެވެ!“
އެހެނީ އިންސާނާއަކީ މުދަލުގެ ވެރިފަރާތުގެ ޚަލީފާއެކެވެ.
އެހެން އާޔަތެއްގެ މާނައިގައިވެއެވެ.
”އަދި ތިޔަބައިމީހުންނަށް ދެއްވައިފައިވާ ﷲ ގެ މުދަލުން، ތިޔަބައިމީހުން އެއުރެންނަށް ދޭށެވެ!“
ޢިލްމުވެރީން ވިދާޅުވާގޮތުގައި މުދަލުގެ ޙައްޤަކީ އެ މުދަލުން ޒަކާތް ދިނުމެވެ. ތިމާގެ އަތުގައި ރައްކާކޮށް ޚަޒާނާކޮށްފައި ބަހައްޓާ މުދަލުގައި، އެ މުދަލުން ޒަކާތް ނެރެންޖެހޭ ޝަރުޠު ހަމަވާ ނަމަ، އެއިން ޒަކާތް ދައްކަން ޖެހޭނެއެވެ. އެ ޝަރުޠުތަކަކީ މުދާ ފުރިހަމައަށް މިލްކުވުމާއި، މުދަލުގައި ނިޞާބު ހަމަވުމާއި، ނިޞާބު ހަމަވިތާ ހަނދުމަހުން އެއް އަހަރު ފުރުމެވެ.
އިސްލާމް ދީނުގައި ޒަކާތް ފަރުޟުކުރެއްވީ، ހަމައެކަނި ފަޤީރުމީހާގެ ޙާޖަތްތަކަށް ވަގުތީ ޙައްލެއް ހޯދައިދިނުމަށް ފަހު އޭނާ މުޖުތަމަޢުގެ ތެރެއަށް ދޫކޮށްލުމުގެ މަޤްޞަދުގައެއް ނޫނެވެ. އެކަމަކު ޒަކާތުގެ ނިޒާމަކީ މުޅި މުޖުތަމަޢުން ފަޤީރުކަން ނައްތައިލުން ކަށަވަރުކޮށްދޭ ނިޒާމެކެވެ. ފަޤީރުންނާއި މިސްކީނުންގެ ނިކަމެތިޙާލަތުން އަރައިގަނެ، އެބައިމީހުންނަކީ ފުދުންތެރި ބަޔަކަށް ހަދައިދީގެންނެވެ. ޢިލްމުވެރީން ވިދާޅުވާ ގޮތުގައި ޒަކާތުގެ މަޤްޞަދަކީ އޭގެ ޙައްޤުވެރީންނަށް ދާއިމީ ފުދުންތެރިކަމެއް ހޯދައިދިނުމެވެ. އެބަހީ: އެބައިމީހުން ސަލާންޖަހައި ނޫޅޭނެހެން ފުދުންތެރިބަޔަކަށް ހެދުމެވެ!
ޒަކާތުގެ ހަރުދަނާ ނިޒާމެއް ޤާއިމުކުރެވިއްޖެ ނަމަ، ކުރާނެ މަސައްކަތެއް ނުވަތަ އަދާކުރާނެ ވަޒީފާއެއް ނެތިފައި ތިބި އެތައް ބަޔަކަށް އާމްދަނީ ހޯދޭނެ މަގުތައް ތަނަވަސްވާނެއެވެ. އޭގެ ސަބަބުން އުފެއްދުންތެރިކަމުގެ މިންވަރު އިތުރުވާނެއެވެ. މީގެ އިތުރަށް، މުޖުތަމަޢުގެ ވަކި ބަޔެއްގެ އަތުގައި ފައިސާ ޖަމާކޮށް، ޚަޒާނާކޮށް، އިޤްތިޞާދުގެ ތެރޭގައި އެ މުދަލާއި ފައިސާ ދައުރުވިޔަނުދީ ހިފެހެއްޓިފައި ހުންނަ ހުރުން ނިމުމަކަށް އަންނާނެއެވެ. މި ކަންކަން ކުރެވޭނީ ޒަކާތުގެ ނިޒާމަކީ ދައުލަތުން ރާވައި ހިންގާ ނިޒާމަކަށް ވެގެންނެވެ. ޒަކާތަކީ ދައުލަތާއި ފަރުދުންނާ ދެމެދު އޮންނަ ގުޅުމެކެވެ. ތަނަވަސްކަމުގެ އަހުލުވެރީންގެ ރައުސްމާލުން އުނިކޮށް ދައުލަތަށް ނަގާން ޖެހޭ އެއްޗެކެވެ. ޒަކާތުގެ ޙައްޤުވެރީންގެ ގޮތުގައި ޤުރްއާނުގައި ކަނޑައަޅުއްވައިފައިވާ ފަރާތްތަކުގެ ލާބައަށް ޓަކައި، ހޭދަކުރާން ޖެހޭ އެއްޗެކެވެ. ޒަކާތް ދެއްކުމުގެ ސަބަބުން އިޤްތިޞާދުގައި ދައުރުކުރާ ފައިސާ އިތުރުވެ، އިޤްތިޞާދަށް އަންނަ ލޮޅުންތަކުން ސަލާމަތްކޮށްދީ ހަމައަކަށް އަޅުވައިދެއެވެ. ފަރުދުންގެ ކިބައިގައި ތަނަވަސްކަން އިތުރުވެ ވިޔަފާރީގެ މުޢާމަލާތްތައް އިތުރުވެއެވެ.
ޒަކާތުގެ ޝަރުޢީ މަޤްޞަދުތައް ޙާޞިލުކުރެވޭނީ ތަނަވަސްކަމުގެ އަހުލުވެރީން، އެބައިމީހުންގެ މައްޗަށް ފަރުޟުކުރައްވައިފައިވާ މުދަލު ޒަކާތް އަދާކޮށްގެންނެވެ. މި އުންމަތަކީ އެއް އުންމަތެކެވެ. އެއް މުސްލިމަކީ އަނެއް މުސްލިމާގެ އަޚެކެވެ.
އިސްލާމީ ރިވެތި އުޞޫލަކީ ތިމާއަށް ތަނަވަސްކަމެއް ލިބިފައިވާ ނަމަ، އެ ތަނަވަސްކަމުން މިންވަރެއް ހޭދަކޮށްގެން ތިމާގެ މުސްލިމް އަޚާއަށް އެހީތެރިވުމެވެ. ފަހެ، ތިޔަބައިމީހުން މާތް ﷲ އަށް ބިރުވެތިވެ، އެކަލާނގެ ދެއްވި މުދަލުން ހޭދަކުރާށެވެ!
އިސްލާމްދީން ބާރުއަޅަނީ ޙަލާލު މަސައްކަތުން ރިޒުޤު ހޯދުމަށެވެ. ކުރާނޭ މަސައްކަތެއް އޮވެފައި، ހަށިގަނޑުގައި ވަރުހުރި ނަމަ، އެ ފަދަ މީހަކު ޒަކާތް ލިބިގަތުން ހުއްދައެއް ނުވާނެއެވެ. ކީރިތި ރަސޫލާ (ޞޢވ) ޙަދީޘްކުރައްވައިފައި ވެއެވެ. (لَا تَـحِلُّ الصَّدَقَةُ لِغَنِيٍّ وَلَا لِذِيْ مِرَّةٍ سَوِيٍّ) މާނައީ: ”މުއްސަނދި މީހާއާއި ހަށިގަނޑު ސަލާމަތުން ހުރި މީހަކަށް ޒަކާތް ހުއްދަވެގެން ނުވެއެވެ.“
އެހެންކަމުން ތަނަވަސްކަމުގެ އަހުލުވެރީންނާއި، ގައިބާރު ހުރެ މަސައްކަތްކުރުމުގެ ކުޅަދާނަކަން ލިބިފައިވާ މީހާ ޒަކާތުގެ ފައިސާ ނެގުމަކީ އިސްލާމްދީން ނަހީކުރައްވައިފައިވާ ކަމެކެވެ.



