ހުޅުދުއްފާރަކީ މީހުން ހިޖުރަކުރި ރަށްތަކުގެ ތެރެއިން ވަރަށް ނަމޫނާ ރަށެއް ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. މިނިސްޓަރ އާދަމް ޝަރީފު މިހެން ވިދާޅުވީ ހުޅުދުއްފާރުގައި ރަސްމީކޮށް މީހުން ދިރިއުޅެން ފެށިތާ 30 އަހަރު ފުރުން ފާހަގަކުރުމަށް އެ ރަށުގައި ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.
މި މޭރުމުން އެމަނިކުފާނުގެ ވާހަކަފުޅުގައި، ހުޅުދުއްފާރަކީ އެ އަތޮޅުގެ ގިނަ ބަޔަކަށް އަމާޒުކޮށްގެން ކުރާ ކަންތައްތައް، އެންމެ ފަސޭހައިން އެ އަތޮޅުގައި އިންތިޒާމުކުރެވޭ އަދި އެންމެ ރަނގަޅަށް އެފަދަ ކަންކަމުގައި މަރުޙަބާ ކިޔުއްވާ ރަށް ކަމަށް ވިދާޅުވިއެވެ. އަދި އެކަން އެގޮތަށް ހިނގަމުން އަންނަނީ އެ ރަށަށް ހިޖުކުރައްވާފައި ރަށްތަކުގެ ރައްޔިތުންގެ ކިބައިން ފާހަގަކުރެވިފައިވާ ޚާއްޞަ ސިފަތަކެއްގެ ސަބަބުން ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ އާދަމް ޝަރީފު ރޭ ދެއްކެވި ވާހަކަފުޅުގައި، ހުޅުދުއްފާރަކީ ރައްޔިތުންގެ މެދުގައި ވަރަށް ބަދަހި ގުޅުމެއް އޮތް ރަށެއްކަން ފާހަގަކުރެއްވިއެވެ. އަދި ޢިލްމީ ގޮތުންނާއި، މަސައްކަތްތެރިކަމުގެ ގޮތުން ޤާބިލް ޒުވާނުންތަކެއް ހުޅުދުއްފާރުގައި މިއަދު އުފެދިފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ހުޅުދުއްފާރުގައި ރަސްމީކޮށް މީހުން ދިރިއުޅެން ފެށިތާ 30 އަހަރު ފުރުން ފާހަގަކުރުމަށް އެ ރަށުގައި ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެެރިކޮށްދެއްވާ މިނިސްޓަރ އާދަމް ޝަރީފު ދެއްކެވި ވާހަކަފުޅުގައި، ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނަންފުޅުގައި އެ ރަށުގެ ރައްޔިތުންނަށް ތަހުނިޔާއާއި މުބާރަކުބާދު އަރިސްކުރެއްވިއެވެ.
ރޭ ހުޅުދުއްފާރުގައި ބޭއްވި ރަސްމިއްޔާތުގައި ހުޅުދުއްފާރުގެ ގިނަ ޢަދަދެއްގެ ރައްޔިތުންނާއި، މިނިސްޓްރީ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްގެ ބައެއް ސްޓޭޓް މިނިސްޓަރުންނާއި، ކުލަސްޓަރތައް ބެލެހެއްޓެވުމާއި ޙަވާލުވެ ތިއްބެވި މި މިނިސްޓްރީގެ ބައެއް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.



