ތުރުކީ ވިލާތުގެ އިސްތަންބޫލް ސިޓީއަށް މިއަދު 6.2 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އައިސްފައިވާ ކަމަށް އެ ގައުމުގެ ޑިޒާސްޓާ އެންޑް އިމަޖެންސީ މެނޭޖްމަންޓް ޕްރެޒިޑެންސީ (އޭއެފްއޭޑީ) އިން ވަނީ ހާމަކޮށްފައެވެ.
ރިޕޯޓުތަކުން ބުނާގޮތުގައި މި ބިންހެލުމުގެ ސަބަބުން އިސްތަންބޫލް ސިޓީގެ އެކި ސަރަހައްދުތަކުގައި ހުރި އިމާރާތްތަކަށް ގެއްލުން ލިބިފައިވެއެވެ. އަދި ބިންހެލުމާ ގުޅިގެން ގިނަ އަދަދެއްގެ މީހުން އިމާރާތްތަކުން ނުކުމެފައިވާ މަންޒަރު ފެނިގެން ގޮސްފައިވެއެވެ.
ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސް (ޖީއެފްޒެޑް) އިން ދީފައިވާ މައުލޫމާތުގައި، ބިންހެލުން އައިސްފައިވަނީ 6.02 މެގްނިޓިއުޑްގެ ބާރުމިނުގައެވެ. އެއީ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެކެވެ.
މި ބިންހެލުން އައިސްފައިވަނީ، 2023 ވަނަ އަހަރު ތުރުކީ ވިލާތަށް އައި ވަރުގަދަ ސިލްސިލާ ބިންހެލުމުގެ ސަބަބުން އެ ގައުމު އަދިވެސް އަރައިނުގަނެވި އޮއްވައެވެ. އެ ބިންހެލުމުގައި 55،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، އޭގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމުގެ މަސައްކަތް އަދިވެސް ދަނީ ކުރެވެމުންނެވެ.
މިހާތަނަށް މި ބިންހެލުމުގައި އެއްވެސް މީހަކު މަރުވި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ. ނަމަވެސް އިމާރާތްތަކަށް ލިބުނު ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ދަނީ ކުރަމުންނެވެ.




