އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން އެސްޓަން ވިލާއާ ދެކޮޅަށް ކުޅުނު މެޗު 2-1 އިން ކާމިޔާބުކޮށް، އަންނަ އަހަރުގެ ޗެންޕިއަންސް ލީގުގައި ކުޅުމުގެ އުއްމީދު އާކޮށްފިއެވެ.
ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ފައިނަލެއްގެ ގޮތުގައި ސިފަކުރި މި މެޗުގައި، ފުރަތަމަ ގޯލު ޖެހީ މެޗުގެ ހަތްވަނަ މިނެޓުގައި ބާނާޑޯ ސިލްވާ އެޓީމަށް ލިބުނު ޕެނަލްޓީއަކުންނެވެ. ނަމަވެސް 18 ވަނަ މިނެޓުގައި ވިލާއަށް ލިބުނު ޕެނަލްޓީއެއް މާކަސް ރަޝްފޯޑު ގޯލަށް ވައްދާލުމާއެކު މެޗު އެއްވަރުވިއެވެ.
ރޭ ސިޓީގެ އަމިއްލަ ދަނޑު އެތިހާދުގައި ކުޅުނު މެޗުގެ އިތުރު ވަގުތުގެ ފަސްވަނަ މިނެޓުގައި މަތެއަސް ނުނޭސްޖެހި ގޯލަކުން ސިޓީ މޮޅުވެގެން ދިޔައެވެ. މި ގޯލަކީ އަރިމަތިން ޖެރެމީ ޑޮކޫ ނަގައިދިން ބޯޅައަކުން ޖެހި ގޯލެކެވެ.
މި މޮޅާއެކު ސިޓީ މިހާރު އޮތީ 34 މެޗުން 61 ޕޮއިންޓާއެކު ތިންވަނާގައި، ހަތަރުވަނައިގައި އޮތް ނޮޓިންހަމް ފޮރެސްޓަށްވުރެ އެއް ޕޮއިންޓް ކުރީގައެވެ. ފަސްވަނައިގައި އޮތް ނިއުކާސަލްއަށް ލިބިފައިވަނީ 59 ޕޮއިންޓެވެ.
ރޭގެ މެޗުގައި ބަލިވި ވިލާ އޮތީ 34 މެޗުން 57 ޕޮއިންޓާއެކު ހަތްވަނައިގައެވެ. މި ދެ ޓީމު އަލުން ބައްދަލުވާނީ އެފްއޭ ކަޕްގެ ފައިނަލުގައެވެ.



