މި ސީޒަންގައި ތިންވަނަ ފަހަރަށް އެލް ކްލާސިކޯއެއްގައި ބައްދަލުކުރާ ބާސެލޯނާ އާއި ރެއާލް މެޑްރިޑް، މާދަމާ ރޭ ކޯޕާ ޑެލް ރޭގެ ފައިނަލުގައި ބައްދަލުކުރާނެއެވެ.
މި ސީޒަންގައި މިހާތަނަށް ދެ ޓީމު ބައްދަލުކޮށްފައިވާ ދެ މެޗުންވެސް ބާސެލޯނާ ވަނީ މޮޅުވެފައެވެ. އެގޮތުން އޮކްޓޯބަރު މަހު ކުޅުނު ލަ ލީގާ މެޗުން ބާސާ ވަނީ 4-0 އިން މޮޅުވެފައެވެ. އަދި ޖެނުއަރީ މަހު ކުޅުނު ސްޕެނިޝް ސުޕަރ ކަޕްގެ ފައިނަލުން ބާސާ ވަނީ 5-2 އިން މޮޅުވެފައެވެ.
ކޯޕާ ޑެލް ރޭގެ އެންމެ ކާމިޔާބު ޓީމަކީ 31 ތަށި ހޯދާފައިވާ ބާސެލޯނާއެވެ. ނަމަވެސް އެންމެ ފަހުން ބާސާ މި މުބާރާތުގެ ފައިނަލަކަށް ގޮސްފައިވަނީ 2021 ވަނަ އަހަރުއެވެ. އެ އަހަރު އެތްލެޓިކް ބިލްބާއޯ ބަލިކޮށް ބާސާ ވަނީ ޗެމްޕިއަންކަން ހޯދާފައެވެ.
ރެއާލް މެޑްރިޑަށް މިއީ ތިން ސީޒަންގެ ތެރޭގައި ދެވަނަ ފައިނަލެވެ. ކޯޕާ ޑެލް ރޭގެ 20 ތަށި ހޯދާފައިވާ ރެއާލް މެޑްރިޑް އެންމެ ފަހުން މި މުބާރާތް ކާމިޔާބުކޮށްފައިވަނީ 2023 ވަނަ އަހަރު އޮސަސޫނާ ބަލިކޮށްގެންނެވެ.
މި މެޗުން ކޮންމެ ޓީމެއް މޮޅުވިޔަސް އެ ޓީމަކަށް ސީޒަންގެ ބާކީ އޮތް ބައިގައި ބޮޑު ހިތްވަރެއް ލިބޭނެއެވެ.
އެއީ މި ދެ ޓީމު ބައްދަލުކުރާ، ލަ ލީގާގެ މުހިންމު އެއް މެޗު ކުރިއަށް އޮތުމާއެކުއެވެ.



