ހުޅުމާލޭ ސްކޫލެއްގެ ގްރޭޑް އެކެއްގެ ދަރިވަރަކު ސްކޫލު ގަޑީގައި މުދައްރިސުން ބޭނުންކުރާ ގޭޓުން އެކަނި ނިކުމެގެން ދިޔަ މައްސަލައެއް އެޑިޔުކޭޝަން މިނިސްޓްރީން ބަލަން ފަށައިފި އެވެ.
މި ހާދިސާ އާއި ގުޅިގެން އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ފޭސްބުކްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވި ގޮތުގައި މި މައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް އައީ މިއަދު ހަވީރު 3:11 ގައެވެ.
އަދި މިނިސްޓްރީ އާއި ސްކޫލުން ފުލުހުންގެ އެހީތެރިކަމާއެކު ކުރި މަސައްކަތުން 3:30 ހާއިރު އެ ކުއްޖާ ވަނީ ފެނިފައެވެ.
މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި އެ ކުއްޖާއަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
”އަޅުގަނޑު މިވާހަކަ މިދަންނަވާލީ ދެ ބޭނުމެއްގައި. އެންމެ ފުރަތަމަ ކަމަކީ މިފަދަ ކަމެއް ހިނގީމާ، އެކަމެއް ނުފޮރުވާ ނިޒާމު ހަރުދަނާ ކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމުގެ ބޭނުންތެރިކަން ފާހަގަކުރުން.“ މިނިސްޓަރު އިތުރަށް އެ ޕޯސްޓުގައި ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މުދައްރިސުން ބޭނުންކުރާ ގޭޓަކީ ތަޅުލެވިފައި ހުންނަ ނުވަތަ ފާރަވެރިއަކު ހުންނަންޖެހޭ ގޭޓެކެވެ.
އެހެންކަމުން، ދަރިވަރަށް އެ ގޭޓުން ނުކުމެވުނު ގޮތް ބަލައި، އެފަދަ ކަމެއް ތަކުރާރު ނުވާނެ ގޮތަށް ފިޔަވަޅު އަޅާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން ސްކޫލުގެ ސަލާމަތީ ކަންކަން ހަރުދަނާކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.



