ހުޅުމާލެ ފޭސް 1 ގައި ހުންނަ އޮރެންޖް ހިޔާއަށް ތެލެސީމިއާ ސެންޓަރު ބަދަލުކުރުމަށް ހަމަޖެހުމާއި ގުޅިގެން، އެމްޓީސީސީން އޮރެންޖް ހިޔާއަށް ހާއްސަ ބަސް ރޫޓެއް ހަމަޖައްސައިފިއެވެ.
މި ބަދަލު ގެނެވެނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ތެލެސީމިއާ ސެންޓަރުގެ ހިދުމަތްތައް އޮރެންޖް ހިޔާއަށް ބަދަލުކުރުމަށް ހަމަޖެހިފައިވާތީއެވެ.
އެމްޓީސީސީން މަޢުލޫމާތު ދިންގޮތުގައި، ތެލެސީމިއާގެ ފަރުވާ ހޯދާ ފަރާތްތަކަށް ފަސޭހަކަމާއެކު އޮރެންޖް ހިޔާއަށް ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން، ހުޅުމާލެ ފިޔަވަހި 1 އަދި ފިޔަވަހި 2 އަށް ދަތުރުކުރާ އާރް5 ރޫޓުގައި އޮރެންޖް ހިޔާއަށް ހާއްސަ ބަސް ހުއްޓިއެއް ވަނީ އިތުރުކުރެވިފައެވެ.
މި ހިދުމަތުގެ ދަށުން، މާލެއިން އޮރެންޖް ހިޔާއަށް ދަތުރުކުރެވޭނީ އާރް15 ރޫޓުންނެވެ.
އެމްޓީސީސީން ބުނީ މި ހިދުމަތް ވަނީ މިއަދު މެންދުރު 1:30 އިން ފެށިގެން ފަށާފައެވެ.
މި ބަދަލާއި ގުޅިގެން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ތެލެސީމިއާ ހިދުމަތްތައް އާ އިމާރާތަށް ބަދަލުކުރުމުގައި، ހިދުމަތް ހޯދާ ފަރާތްތަކަށް އެއްވެސް ދަތިކަމެއް ކުރިމަތިނުވާނެ ގޮތަށް މަސައްކަތްތައް ރޭވުމަށް އިރުޝާދު ދެއްވާފައެވެ.



