މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން މިއަދު ނ. އަތޮޅުން ފެށިގެން ދ. އަތޮޅަށް އަދި ތ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.
ނ. އަތޮޅުން ފެށިގެން ދ. އަތޮޅަށް ހުދު ސަމާލު ނެރުނީ 14:30 އިން މިރޭ 20:30 އަށެވެ.
ތ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ހުދު ސަމާލު ނެރުނީ ހަވީރު 17:30 އިން މިރޭ 22:30 އަށެވެ.
މެޓުން ބުނީ މި ވަގުތު ތަކުގައި މި އަތޮޅުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މިދުވަސްވަރަކީ އިރުވައި މޫސުން ނިމި ހުޅަނގު މޫސުން ފެށެންދާ ދުވަސްވަރު ކަމުން ރާއްޖޭގެ ދެކުނުން އުފެދޭ ވިއްސާރަ ވިލާތައް ދެކުނު އަތޮޅުތަކަށް އަރަމުންދާ ކަމަށް މެޓުން އިއްޔެ ބުނެފައިވެއެވެ.
އަދި ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށް ބެލެވޭ ކަމަށާއި، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މެޓުން ބުންޏެވެ.
މެޓުން ވަނީ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.



