އެގްރިކަލްޗަރ މިނިސްޓްރީއާ ގުޅިގެން ދޫކުރާ ’ދަނޑުވެރި ނަފާ ލޯނު‘ ގެ ދަށުން މިހާތަނަށް އެންމެ ގިނަ ފަރާތްތަކުން ލޯނު ނަގާފައިވަނީ ޒަމާނީ ދަނޑުވެރިކަން ކުރުމަށް ކަމަށް އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން މިއަދު ހާމަކޮށްފިއެވެ.
އެސްޑީއެފްސީގެ ޕީޕީއާރު ޔުނިޓްގެ ޑެޕިއުޓީ މެނޭޖަރު އާމިނަތު މުހާ ވިދާޅުވި ގޮތުގައި، 2019 އިން ފެށިގެން ހުޅުވާލާފައިވާ މި ލޯނު ސްކީމްގެ ދަށުން، 100،000 ރުފިޔާއާ ހަމައަށް ޖުމްލަ 18 ފަރާތަކުން ލޯނު ނަގާފައިވެއެވެ.
މިއީ ޖުމްލަ 1.4 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ދެ މިލިއަނާ ހަމައަށް 23 ފަރާތަކުން ލޯނު ނަގާފައިވާއިރު، އެ ފަރާތްތަކަށް ޖުމްލަ 14.5 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ.
ނަގާފައިވާ ލޯނުތަކުގެ ތެރެއިން އެންމެ ގިނައީ ވާޓިކަލް ފާމިންގ އަދި ގްރީންހައުސް ފާމިންގ އަށް ނަގާފައިވާ ލޯނުތަކެވެ.
އެސްޑީއެފްސީން ފާހަގަކުރި ގޮތުގައި، ދަނޑުވެރިން ޒަމާނީ ދަނޑުވެރިކަމަށް އަމާޒު ހިފާއިރު، ޕޯލްޓްރީ ނުވަތަ ކުކުޅު ގެންގުޅުން ފަދަ ދާއިރާތަކަށް ސަމާލުކަން ދޭ މިންވަރު ވަރަށް ކުޑައެވެ.
’ދަނޑުވެރި ނަފާ ލޯނު‘ ގައި ދެ ކެޓަގަރީއެއް ހިމެނެއެވެ.
އެއީ 100،000 ރުފިޔާއާ ހަމައަށް ނެގޭ ލޯނާއި، އެއްލައްކައިން ފެށިގެން ދެ މިލިއަނާ ހަމައަށް ދޫކުރާ ލޯނެވެ.
މި ދެ ބާވަތުގެ ލޯނަށްވެސް އަހަރަކު ނެގޭނީ 6 ޕަސެންޓްގެ އިންޓަރެސްޓެވެ. 100،000 ރުފިޔާއާ ހަމައަށް ނެގޭ ލޯނު އަނބުރާ ދެއްކުމަށް ދެވެނީ ގިނަވެގެން ތިން އަހަރު ދުވަހެވެ.
އަދި ދެ މިލިއަނާ ހަމައަށް ދޫކުރާ ލޯނު އަނބުރާ ދެއްކުމަށް ދެވެނީ ގިނަވެގެން 7 އަހަރު ދުވަހުގެ މުއްދަތެކެވެ.



