އއ. ތޮއްޑޫގައި ޓޫރިސްޓް ހިދުމަތްދޭ ތަންތަނުގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމަށް އިންސްޕެކްޝަން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
ފުލުހުން ބުނިގޮތުގައި، މި މެއި މަހުގެ 5 އިން 7 އަށް އެއާޕޯޓް އެންޑް ޓޫރިސްޓް ޕޮލިހާއި، އއ. އަތޮޅު ޕޮލިސް ގުޅިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި 38 ގެސްޓް ހައުސްއަށް ޒިޔާރަތްކޮށް، އެ ތަންތަނުގެ ސަލާމަތީ ކަންކަން ހުރިނެތްގޮތް ބަލާފައިވެއެވެ.
އަދި ސަލާމަތީ މިންގަނޑަށް ނުފެތޭ ކަމަށް ފާހަގަކުރެވުނު ކަންކަން ރަނގަޅުކުރުމަށް އިރުޝާދުދީފައިވެއެވެ.

މި ފްރޮގްރާމަށް ތޮއްޑޫ ގެސްޓްހައުސް ތަކުން ވަރަށްބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، މި ޕްރޮގްރާމުގެ ތެރެއިން ތޮއްޑޫ ކައުންސިލާ ބައްދަލުކޮށް، ފަތުރުވެރިކަމާ ގުޅުންހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ.
އަދި ތޮއްޑޫގެ މޫދަށްއެރޭ ސަރަހައްދުތަކުގައި ފަތުރުވެރިންނަށް ހާއްސަކޮށްގެން މުހިންމު މައުލޫމާތު ހިމަނައިގެން ބީޗް ބޯޑުތައް ޖެހުމާ ގުޅޭގޮތުން ވެސް މަޝްވަރާކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނިގޮތުގައި، މި ބައްދަލުވުމުގައި، ޓޫރިސްޓް ފެސިލިޓީތަކުގެ އިންސްޕެކްޝަން ޕްރޮގްރާމަކީ ތޮއްޑޫއަށް ވަރަށް މުހިންމު ބޭނުންތެރި ޕްރޮގްރާމެއް ކަމަށާ އަދި ޓޫރިސްޓު ޕޮލިސްގެ އެހީތެރިކަން ތޮއްޑޫއަށް ވަރަށް މުހިންމުކަން ކައުންސިލުން ފާހަގަކޮށްފައިވެއެވެ.




