މިދިޔަ އޭޕްރީލް މަހު ދައުލަތަށް ލިބުނު އާމްދަނީގެ ގޮތުގައި މީރާއަށް 2.60 ބިލިއަން ރުފިޔާ ބަލައިގެންފައިވާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފި އެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 22.7 ޕަސެންޓް އިތުރު އަދަދެކެވެ.
މީރާއިން މަޢުލޫމާތު ދިން ގޮތުގައި، މިދިޔަ އަހަރުގެ އެޕްރީލްއާ އަޅާބަލާއިރު މި އަހަރުގެ އެޕްރީލްގައި ލިބުނު އާމްދަނީ އިތުރުވެފައިވަނީ މައިގަނޑު ގޮތެއްގައި ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ އާއި ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމުގެ ސަބަބުންނެވެ.
އަދި މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ގްރީން ޓެކުހުގެ ރޭޓު މަތިވުމާއި، މިދިޔަ ޑިސެމްބަރުން ފެށިގެން އެއާޕޯޓް ޓެކުހާއި ފީގެ އާމްދަނީ އިތުރުވުމަކީވެސް މިދިޔަ މަހު ޖުމުލަ އާމްދަނީ އިތުރުވުމަށް މަގުފަހިކުރި ސަބަބުތަކެވެ.
މިދިޔަ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ ތެރެއިން އެންމެ ބޮޑު ހިއްސާއެއް ކުރަނީ ޖީއެސްޓީ އެވެ. އެގޮތުން ޖީއެސްޓީގެ ގޮތުގައި 1.65 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ގްރީން ޓެކުހުގެ ގޮތުގައި 226.7 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
މީގެ އިތުރުން އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި 176.5 މިލިއަން ރުފިޔާ ލިބިފައިވާއިރު، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 155.3 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
އަދި ޑިޕާޗާ ޓެކުހުގެ ގޮތުގައި 153.2 މިލިއަން ރުފިޔާއާއި، ޓޫރިޒަމް ލޭންޑް ރެންޓުގެ ގޮތުގައި 9.4 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މީރާއިން ހާމަކޮށްފައިވެއެވެ.
މީރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 125.09 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.
އަދި މިއީ މިދިޔަ މަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 1.6 ޕަސެންޓް އިތުރު އަދަދެކެވެ.



