ރާއްޖެއިން ހޯދަން އުނދަގޫ ބޭސްތަކާއި އިތުރު ބޭސްތައް މެދުނުކެނޑި އަދި އަތްފޯރާ އަގެއްގައި ލިބޭނެ ގޮތް ހަދައިދިނުމަށް އެސްޓީއޯއިން އިންޑިއާގެ އެޗްއެލްއެލް ލައިފްކެއަރ ލިމިޓެޑާއެކު ސްޓްރެޓެޖިކް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމަކީ އިންޑިއާ ސަރުކާރުގެ މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީ ވެލްފެއަރގެ ދަށުން ހިންގާ ކުންފުންޏެއް ކަމަށްވާ އެޗްއެލްއެލް ލައިފްކެއަރއާއެކު، ޕްރަދާން މަންތްރީ ބާރަތިޔާ ޖަނައުޝަދި ޕަރިޔޯޖަނާ (ޕީއެމްބީޖޭޕީ) ނުވަތަ ޖަނައުޝަދި ސްކީމްގެ ދަށުން ވެވުނު އެއްބަސްވުމެކެވެ.
އެސްޓީއޯއިން ބުނާ ގޮތުގައި މި އެއްބަސްވުމުގެ ސަބަބުން ދުނިޔޭގެ އެންމެ ބޮޑެތި ބޭސް ސަޕްލައި ޗެއިންތަކުގެ ތެރެއިން އެއް ޗެއިނަށް ރާއްޖެ ގުޅުވައިލެވި، އަގުތައް ސްޓޭބަލްކޮށް، އަދި އަސާސީ ބޭސްތައް ލިބުން ޔަގީންކުރެވޭނެއެވެ.
އަދި މިއީ ރާއްޖޭގައި ބޭސް މަދުވުމުގެ މައްސަލައަށް ސީދާ އަދި ދާއިމީ ހައްލެއް ހޯދުމަށް ކުރެވޭ މަސައްކަތެއް ކަމަށް ވެސް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.
ވޭތުވެދިޔަ ތަނުގައި ރާއްޖޭގައި މުހިންމު ބޭސްތަކެއް ލިބުން ދަތިވެ، ސިއްހީ ނިޒާމަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައިވާއިރު، މިވަގުތު ރާއްޖެއަށް ބޭނުންވާ އަސާސީ ބޭހުގެ ދަތިކަމަށް ވަގުތީ ހައްލެއް ހޯދައިދެވިފައިވާ ކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ.
އެޗްއެލްއެލްއާއެކު މި އައު ޕާޓްނަރޝިޕްގެ މަޤްސަދަކީ މިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުން ކަމަށްވެސް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.
އެސްޓީއޯއިން އިތުރަށް ބުނެފައިވަނީ މި އެއްބަސްވުމުގެ ދަށުން ގެންނަ ހުރިހާ ބޭހެއްވެސް ހުންނާނީ ޑަބްލިއުއެޗްއޯ މިންގަނޑުތަކާއި ރާއްޖެއަށް ބޭސް އެތެރެކުރުމަށް ހަދާފައިވާ ގަވާއިދުތަކާ އެއްގޮތަށް ކަމަށެވެ.
އަދި މި އެއްބަސްވުން ބިނާވެފައިވަނީ ކާމިޔާބު އެއްބާރުލުމުގެ ތާރީޚެއްގެ މައްޗަށް ކަމަށްވެސް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.



