ކުށާއި ދަރަނީގެ ރެކޯޑު ސާފުކޮށްދިނުމުގެ ޚިދުމަތް އީފާސް މެދުވެރިކޮށް ދޭ ގޮތަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ހަމަޖައްސައިފިއެވެ.
މި ބަދަލު ގެނެސްފައިވަނީ ރައްޔިތުންނަށް މި ޚިދުމަތް ފަސޭހަކަމާއެކު ފޯރުކޮށްދިނުމުގެ މަޤްޞަދުގައެވެ.
ޑީޖޭއޭ އިން މިއަދު ނެރުނު އިއުލާނުގައި ބުނެފައިވާ ގޮތުން، އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރުމަށް އެދި ހުށަހަޅަންޖެހޭނީ ޑީޖޭއޭގެ ޕޯޓަލްއަށް އީފާސް މެދުވެރިކޮށެވެ.
އަދި ޖޫން މަހުގެ 1 ވަނަ ދުވަހުން ފެށިގެން މިހާރު ބޭނުންކުރަމުންދާ ފޯމު މެދުވެރިކޮށް ވަކިވަކި ފަރުދުން މި ޚިދުމަތަށް އެދި ހުށަހަޅާ ހުށަހެޅުންތައް ބަލައެއް ނުގަންނާނެއެވެ.
ނަމަވެސް، ދައުލަތުގެ އޮފީސްތަކާއި ކުންފުނިތަކުން ރެކޯޑު ސާފުކުރުމަށް އެދި ހުށަހަޅާ ފޯމުތައް ބަލައިގަތުމުގައި އެއްވެސް ބަދަލެއް ނާންނާނެއެވެ.
މި ފަރާތްތަކުން ކުރިން އަމަލުކުރަމުން އައި އުސޫލުން، އޮފީހުގެ ނުވަތަ ކުންފުނީގެ ސިޓީއަކާއެކު ރެކޯޑު ސާފުކުރުމަށް އެދި ހުށަހެޅުމުން އެ ޚިދުމަތް ފޯރުކޮށްދެވޭނެއެވެ.



