ރާއްޖެއަށް ހުޅަނގު މޫސުން ފެށިފައިވާ ކަމަށް މެޓް އޮފީހުން މިއަދު ބުނެފިއެވެ.
މެޓް އޮފީހުން ބުނީ ރާއްޖޭގައި އޮންނަ ދެ މޫސުމުގެ ތެރެއިން އިރުވައި މޫސުމަކީ ކޮންމެ އަހަރެއްގެ ވެސް ޖަނަވަރީން މާޗް މަހާ ހަމައަށް އަންނަ މޫސުމެއްކަމަށާއި، ހުޅަނގު މޫސުމަކީ މޭ މަހުން ފެށިގެން ނޮވެންބަރު މަހާއި ހަމައަށް ދެމިގެންދާ މޫސުމެއް ކަމަށެވެ.
މެޓް އޮފީހުން އިތުރަށް ބުނިގޮތުގައި، ހުޅަނގު މޫސުމުގެ އަސަރު އާންމު ގޮތެއްގައި މޭ މަހުގެ ފުރަތަމަ ނުވަތަ ދެވަނަ ހަފްތާގެ ތެރޭގައި ދެކުނުގެ އަތޮޅުތަކަށް ފަށައި، އޭގެ ފަހުން މެދު ރާއްޖެ ތެރެއަށް ފޯރައި، މޭ މަސް ނިމުމުގެ ކުރިން މުޅި ރާއްޖެއަށް މި މޫސުމުގެ އަސަރު ފޯރާ ކަމަށެވެ.
ހުޅަނގު މޫސުން ފެށުނު ކަމަށް ބެލެވެނީ ދެކުނުގެ އަތޮޅުތަކަށް 2.5 މިލިމީޓަރަށް ނުވަތަ އެއަށްވުރެ އިތުރަށް ވާރޭވެހި، ގަޑިއަކު 10 ނޯޓިކަލް މޭލަށްވުރެ ބާރުމިނުގައި ހުޅަނގު ދެކުނާއި ހުޅަނގާ ދެމެދު ވައިޖެހޭތާ މަދުވެގެން ދެ ދުވަސް ވުމުންނެވެ.
މެޓް އޮފީހުން ފާހަގަކުރި ގޮތުގައި މި އަހަރުގެ ހުޅަނގު މޫސުން ދެކުނުގެ އަތޮޅުތަކަށް ފެށިފައިވަނީ އިއްޔެއެވެ.
އަދި މޫސުމަށް އަންނަ ބަދަލުތަކާއެކު ވިއްސާރައިގެ މޫސުމަށް ތައްޔާރުވުމަށް މެޓުން ރައްޔިތުންނަށް އިރުޝާދު ދީފައިވެއެވެ.


