ބޮލީވުޑްގެ ރަސްގެފާނުގެ ލަގަބް ދީފައިވާ ޝާހުރުކް ޚާން، 59 އަހަރުގެ އުމުރުގައި، މެޓް ގާލާގައި ފުރަތަމަ ފަހަރަށް ބައިވެރިވެ ހޮލީވުޑްގެ މީޑިއާ ރިޕޯޓަރުންނަށް ދިން ތައާރަފްގައި އޭނާ އަކީ ކާކުކަން ނޭނގުމުން އޭނާގެ ސަޕޯޓަރުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ދުނިޔޭގެ އެންމެ މަޝްހޫރު އެއް އެންޓަޓެއިންމަންޓް އިންޑަސްޓްރީ ކަމަށްވާ ބޮލީވުޑްގެ އެންމެ ކާމިޔާބު އެއް ތަރި ޝާހްރުކް ޚާންއަކީ، އިންޑިއާގެ ސިނަމާ އިންޑަސްޓްރީގައި 30 އަހަރަށް ވުރެ ގިނަ ދުވަހު ހަރަކާތްތެރިވެ، 80 އަށް ވުރެ ގިނަ ފިލްމުގައި މަސައްކަތްކޮށްފައިވާ އަދި އޭނާގެ ފިލްމުތަކުގެ ޖުމްލަ އާމްދަނީ 100 ބިލިއަން ރުޕީސްއަށް ވުރެ މަތިވެފައިވާ ތަރިއެކެވެ.
”ސުޕަފައިން ޓެއިލަރިން ބްލެކް ސްޓައިލް“ މި ތީމާ އެއްގޮތަށް، ޝާހު ލައިގެން ހުރީ އިންޑިއާގެ މަޝްހޫރު ޑިޒައިނަރު ސަބްޔަސާޗީ މުކަރްޖީ ޑިޒައިން ކޮށްފައިވާ ހެދުމެކެވެ.
މި ހެދުމުގައި ހިމެނެނީ ޓަސްމޭނިއަން ސުޕަފައިން ވޫލުން ހަދާފައިވާ ދިގު ކޯޓަކާއި، ކްރޭޕް ޑެ ޗައިން ސިލްކް ގަމީހަކާ، ފަޓުލޫނެކެވެ. މީގެ އިތުރުން 18 ކެރެޓް ރަނުން ހަދާފައިވާ ބެންގާލް ޓައިގަރ ހެޑް ކޭނެއް އޭނާ ވަނީ ގެންގުޅެފައެވެ.
މި ހެދުމުގެ ފުރިހަމަ ކަމުގެ ވާހަކަ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ފެޝަނަށް ލޯބިކުރާ އެތަށް ބަޔަކު ދައްކައި، ތަޢުރީފާއި ސަމާލުކަން ލިބުނު ނަމަވެސް، ޝާހުރުކް އާއި އިންޓަވިއު ކުރި ހޮލީވުޑްގެ ބައެއް މީޑިއާ ރިޕޯޓަރުންނަށް އޭނާއަކީ ކާކުކަން ނޭނގުނެވެ.
މިކަމުގެ ސަބަބުން ސޯޝަލް މީޑިއާގައި އޭނާގެ ފޭނުން ދަނީ ރުޅި ގަދަވެ، އަޑު އުފުލަމުންނެވެ.
”ޝާހްރުކް ޚާންއަކީ ކާކުކަން ނޭނގޭ ވަރަށް ހޮލީވުޑް މީޑިއާ ތަކުގެ ދުނިޔެ ހަނިވެފައި އޮތުމަކީ ހިތާމަހުރި ކަމެއް.“ ފޭނަކު ސޯޝަލް މީޑިއާގައި ލިޔެފައިވެއެވެ.
މެޓް ގާލާއަކީ މެންހަޓަންގައި ހުންނަ މެޓްރޮޕޮލިޓަން މިއުޒިއަމް އޮފް އާޓްސް ކޮސްޓިއުމް އިންސްޓިޓިއުޓުން ކޮންމެ އަހަރަކު ބާއްވަމުން އަންނަ، ދުނިޔޭގެ އެންމެ މަޝްހޫރު އަދި ގްލެމަރަސް އިވެންޓްތަކުގެ ތެރެއިން އެއް އިވެންޓެވެ.
މި އަހަރުގެ މެޓް ގާލާގައި އިންޑިއާގެ މަޝްހޫރު އެތައް ތަރީންނެއް ބައިވެރިވިއެވެ. މީގެ ތެރޭގައި ކިއާރާ އަދްވާނީ، ދިލްޖިތް ދޯސަންޖް، ޕްރިޔަންކާ ޗޯޕްރާ ޖޯނަސް އަދި އީޝާ އަމްބާނީ ހިމެނެއެވެ.
ނަމަވެސް ޝާހުގެ ފުރަތަމަ ބައިވެރިވުމަކީ އެންމެ ބޮޑަށް ސަމާލުކަން ލިބުނު ކަމެވެ.



