ބޭންކް އޮފް މޯލްޑިވްސްއިން 7 އަހަރުން މަތީގެ ދަރިވަރުންނަށް ޚާއްސަ ކޮށްގެން ވިސާ ޑެބިޓް ކާޑެއް ތަޢާރަފުކޮށްފިއެވެ.
ބީއެމްއެލުން ބުނިގޮތުގައި، މި ކާޑަކީ އެއްވެސް ފީއެއް ނުނަގާ، ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބޭނުންކުރެވޭނެ ކާޑެކެވެ.
އަދި އަހަރަކު އެއްފަހަރު ޚަރަދުކުރާ މިންވަރުގެ 0.5 އިންސައްތަ ރިބޭޓްގެ ގޮތުގައި ކުއްޖާގެ ސޭވިންގ އެކައުންޓަށް ޖަމާކޮށްދެވޭނެއެވެ.
މި ކާޑު ފަރުމާކޮށްފައިވަނީ ދެ އުމުރުފުރައަކަށެވެ. އެއީ 7-12 އަހަރާއި 13-17 އަހަރާ ދެމެދުގެ ދަރިވަރުންނަށެވެ. ބެލެނިވެރިންނަށް ބީއެމްއެލް މޮބައިލް އެޕް މެދުވެރިކޮށް ކާޑަށް އެދި ހުށަހެޅުމާއި، ކާޑު ފްރީޒްކުރުމާއި، ޕިން ބަދަލުކުރުން ފަދަ ކަންކަން ކުރެވޭނެއެވެ.
މި ކާޑު ތައާރަފްކުރުމަށް ހޮޓެލް ޖެންގައި ބޭއްވި ޚާއްސަ ހަފްލާއެއްގައި ވާހަކަދައްވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ކާޑު ފަރުމާ ކޮށްފައިވަނީ ދަރިވަރުންނަށް ބޭނުންވާނެ ކަންކަން ހިމަނައިގެން ކަމަށާއި، ދަރިވަރުން ފުރާވަރަށް އެރުމުގެ ކުރިން ހަރުދަނާކަމާއި ޒިންމާދާރުކަމާއެކު ފައިސާ މެނޭޖްކުރަން ދަސްކޮށްދިނުމަށް މި ކާޑު އެހީވެދޭނެ ކަމަށެވެ.
”އަނެއްކާވެސް ރާއްޖެއަށް މުޅިން އަލަށް ޚިދުމަތެއް ތައާރަފްކުރެވުމަކީ ބީއެމްއެލްއަށް ލިބޭ ވަރަށް ބޮޑު ފަޚުރެއް. ބީއެމްއެލް ސްޓޫޑެންޓް ކާޑު ފަރުމާކޮށްފައިވަނީ ދަރިވަރުންނަށް ބޭނުންވާނެ ކަންކަން ހިމަނައިގެން، ފުރާވަރަށް އެރުމުގެ ކުރިން ދަރިވަރުންނަށް ހަރުދަނާކަމާއި ޒިންމާދާރުކަމާއެކު ފައިސާ މެނޭޖްކުރަން ދަސްކޮށްދިނުމަށް. ދަރިވަރުންގެ މެދުގައި ޅަފަތުގައި ފައިނޭންޝަލް ލިޓްރަސީ އަށަގަނުވައި، އަޅުގަނޑުމެންގެ އަމާޒަކީ މާލީ ޚިދުމަތްތަކާމެދު މައުލޫމާތު މުއްސަނދި ޖީލެއް ބިނާކުރުން.“ ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.
ކާޑުގެ މައިގަނޑު މަޤްޞަދަކީ ކުޑަކުދިންނަށް ޒިންމާދާރު ގޮތެއްގައި ފައިސާ ޚަރަދުކުރަން ދަސްކޮށްދިނުމާއި، މާލީ މިނިވަންކަން ދަސްކޮށްދިނުމެވެ. ބެލެނިވެރިންނަށް ދަރިވަރުންގެ ޚަރަދުތައް ބެލެހެއްޓުމާއި، އިރުޝާދު ދިނުމުގެ ފުރުޞަތު މި ކާޑުން ލިބިގެންދާނެއެވެ.
އަދި ސަލާމަތީ ގޮތުން، އޮންލައިން އަދި ބޮޑެތި މުޢާމަލާތްތަކަށް ބެލެނިވެރިޔާގެ ފޯނަށް އޯޓީޕީ ފޮނުވޭނެއެވެ.



