ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ޕާކުގައި ބާއްވާ ”އުފާވެރި ފެސްޓިވަލް“ ޝަރަފުވެރިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
މި ފެސްޓިވަލް ކުރިއަށް ދާނީ ހަވީރު 16:00 އިން 18:00 އަށް އަދި ރޭގަނޑު 20:00 އިން 22:00 އަށް ފޭސް 2 ހިޔާ ޕާކް އަދި ފޭސް 2 ރުށްގަނޑު ސަރަހައްދުގައެވެ.
އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއްވި ގޮތުގައި، މި ފެސްޓިވަލް ޝަރަފުވެރިކޮށްދެއްވުމަށް ރައީސްގެ ދެކަނބަލުން މިއަދު ހަވީރު 5:00 އަށް ހިޔާ ޕާކަށް ވަޑައިގަންނަވާނެއެވެ.
ގައުމީ ކުޑަކުދިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން ބާއްވާ މި ފެސްޓިވަލްގައި ކުޑަކުދިންނަށް އަމާޒުކޮށްގެން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.
މީގެ ތެރޭގައި ރޮބޯމޭންގެ ހަރަކާތްތަކާއި، ފޯމް ޕާޓީ، ބައުންސިން ކާސަލް، ބައުންސިން ހޯސް ރައިޑިން، ބުލް ބޭޝް، އޯބީޒް ޝޫޓިން، ބަބުލް ހައުސް އަދި ވެކް އަ މޯލް ފަދަ ކުޅިވަރުތައް ހިމެނެއެވެ.



