އިންޑިއާ އާއި ޕާކިސްތާނުން ވަގުތުން ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާނު ކުރައްވައިފިއެވެ.
މިކަން ޓްރަމްޕް ހާމަކުރެއްވީ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
މިކަމާއި ގުޅިގެން އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ވިދާޅުވީ، ދެ ގައުމުގެ ދެމެދުގައި ހިނގަމުންދިޔަ ހަނގުރާމަވެރި ޙާލަތު ނިމުމަކަށް ގެނެސް، މަޝްވަރާތައް ފެށުމަށް އެއްބަސްވުމަކަށް އާދެވިފައިވާތީ އެކަމާމެދު ހިތްހަމަޖެހޭ ކަމަށެވެ.
އަދި މި އެއްބަސްވުމަކީ ދެ ގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ރަނގަޅުވެގެންދާނެ ކަމެއްކަމުގައި ރޫބިއޯ ފާހަގަކުރެއްވިއެވެ.
ރޫބިއޯ ސޯޝަލް މީޑިއާގައި ބުނިގޮތުގައި، ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި އޭނާ އާއި ނައިބު ރައީސް ޖޭޑީ ވެންސް ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް އަދި އެހެނިހެން އިސް ވެރިންނާ ބައްދަލުކުރައްވާފައެވެ.
މި ބައްދަލުވުންތަކުގައި ދެ ގައުމުގެ ޚާރިޖީ ވަޒީރުންނާއި، ސަލާމަތީ ބާރުތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ޕާކިސްތާނުގެ ޚާރިޖީ ވަޒީރު އިސްހާގު ދާރު ވެސް މި އެއްބަސްވުން ކަށަވަރުކޮށްދެއްވައި، ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރައްވާފައިވެއެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ ދެ ގައުމުން މިހާރުން މިހާރަށް ހަނގުރާމަވެރި ޙަރަކާތްތައް ހުއްޓާލުމަށް އެއްބަސްވެފައިވާ ކަމަށެވެ.
މި އެއްބަސްވުމާއެކު، ޓްރަމްޕް ވަނީ ދެ ގައުމުގެ ބޮޑުވަޒީރުން ސުލްހަވެރި ހައްލެއް އިޚްތިޔާރު ކުރެއްވުމުގައި ދެއްކެވި ވިސްނުންތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.


