އެފްއޭ ކަޕްގެ ފައިނަލްގައި މެންޗެސްޓަރ ސިޓީ އާ ކުރިމަތިލައި 1-0 އިން މޮޅުވެ، ކްރިސްޓަލް ޕެލަސް އިން 120 އަހަރު ފަހުން ފުރަތަމަ ފަހަރަށް މޭޖަރ މުބާރާތެއްގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
މިއީ ޕެލެސްގެ ތާރީހުގައި ވެސް އެޓީމުން ހޯދި ފުރަތަމަ ތަށްޓެވެ.
ވެމްބްލީ ސްޓޭޑިއަމްގައި ރޭ ކުޅުނު ފައިނަލް މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 16 ވަނަ މިނެޓްގައި ޕެލެސްއަށް ކާމިޔާބުކޮށްދިނީ އެބެރޭޗީ އެޒޭ އެވެ.
ނަތީޖާ އެއްވަރުކޮށްލަން ސިޓީއަށް މެޗުގެ 36 ވަނަ މިނެޓްގައި ޕެނަލްޓީއެއް ލިބުނު ނަމަވެސް މަރްމޫޝް ފޮނުވާލި ޕެނަލްޓީ ޕެލެސްގެ ކީޕަރު ޑީން ހެންޑަސަން ވަނީ މަތަކޮށްފަ އެވެ.
ޕްރިމިއާ ލީގާއި ޗެމްޕިއަންސް ލީގުގެ ފުރުސަތު ގެއްލުމަށްފަހު، މި ސީޒަންގައި ސިޓީގެ ހާލު އިތުރަށް ދަށަށް ދިޔައީ އޮލިވަރ ގްލާސްނަރގެ ޓެކްޓިކަލް ރޭވުންތެރިކަމުގެ ކުރިމަތީގައި ޕެޕް ގުއާޑިއޯލާގެ އެކްސްޕެރިމެންޓަލް ސެޓަޕް ފެއިލްވުމުންނެވެ.
ހޯލްޑިން މިޑްފީލްޑަރެއް ނެތި ކުޅުނު މި މެޗުގައު ސިޓީގެ ސެޓަޕްގައި ހުރި މައްސަލަތަކުގެ ބޭނުން ޕެލަސް އިން ރަނގަޅަށް ހިފިއެވެ.
މި މެޗުގައި މޮޅު ކުޅުމެއް ޕެލެސްގެ ފަރާތުން ފެނިގެންދިޔައިރު، ދެވަނަ ހާފުގެ ކުރީކޮޅު މުނޯޒް ޕެލެސްއަށް ދެވަނަ ލަނޑެއް ކާމިޔާބުކޮށްދިން ނަމަވެސް ވީއޭއާރް ބެލުމަށްފަހު މުނޯޒް އޮފްސައިޑް މަގާމެއްގައި ހުރުމުން އެ ލަނޑު ވަނީ ކެންސަލްކޮށްފަ އެވެ.
ދެވަނަ ހާފުގައި ސިޓީން ގިނަ ބަދަލުތަކެއް ގެނެސްގެން ކުރިއަށް ޖެހިގެން ކުޅުނު ނަމަވެސް އެޓީމަށް ވަނީ ޕެލެސްގެ ޑިފެންސް ފޫއަޅުވާލެވޭ ގޮތް ނުވެފަ އެވެ.
މިމޮޅާއިއެކު ކްރިސްޓަލް ޕެލަސް އަށް ވަނީ އަންނަ އަހަރުގެ ޔޫރަޕާ ލީގު ކަށަވަރުވެފައެވެ.



