ބާސެލޯނާގެ ބްރެޒިލިއަން ވިންގަރު ރަފިންހާ 2028 ވަނަ އަހަރާ ހަމައަށް އެ ކުލަބުގައި ކުޅުމަށް އާ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިކަން ބާސެލޯނާއިން އިއުލާންކުރީ އިއްޔެގައެވެ.
2022 ވަނަ އަހަރު ބާސެލޯނާއާ ގުޅުނު 28 އަހަރުގެ ރަފިންހާގެ ކުރީގެ އެއްބަސްވުން ހަމަވާން އޮތީ 2027 ވަނަ އަހަރުގައެވެ. ނަމަވެސް މި ސީޒަންގައި އޭނާގެ ފަރާތުން ފެނުނު މޮޅު ކުޅުމުގެ ސަބަބުން އިތުރު އެއް އަހަރަށް އެއްބަސްވުން ވަނީ އިތުރުކޮށްފައެވެ.
ހާންސި ފްލިކްގެ މެނޭޖްމެންޓުގެ ދަށުން ކުޅެމުންދާ ރަފިންހާ ވަނީ ލަ ލީގާގައި 18 ލަނޑު ޖަހައި 9 އެސިސްޓް ދީފައެވެ. އަދި އޭނާ ވަނީ ބާސެލޯނާއަށް ލީގު ތަށި ހޯދއިދޭން އެހީވެދީފައެވެ.
ޗެމްޕިއަންސް ލީގުގައި ވެސް ރަފިންހާ ވަނީ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނިފައެވެ. އެ މުބާރާތުގައި އޭނާ ވަނީ 13 ލަނޑު ޖަހައި 8 އެސިސްޓް ދީފައެވެ. މި މޮޅު ކުޅުމުގެ ސަބަބުން އޭނާ ވަނީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ އެވޯޑު ބެލޮން ޑި އޯގެ މިއަހަރުގެ ވާދަވެރިންގެ ތެރޭގަވެސް ހިމެނިފައެވެ.
ކުރިން އެހެން ކުލަބުތަކާ ގުޅުމުގެ ވާހަކަ ދެކެވުނު ނަމަވެސް، މިހާރު ރަފިންހާ ވަނީ ބާސެލޯނާގައި ދިގު މުއްދަތަކަށް ހުރުމަށް ނިންމާފައެވެ.
އަދި އޭނާގެ އުންމީދާކީ ބާސާގައި ކެރިއަރު ނިންމާލުން ކަމަށް ބުންޏެވެ.



