ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އިތިއޯޕިއާގެ ގައުމީ ދުވަހުގެ މުނާސަބަތުގައި އެ ގައުމުގެ ރައީސް ޓާއިޔޭ އަޓްސްކޭ ސެލާސީއާއި، ބޮޑުވަޒީރު އަބީ އަހްމަދު އަލީއަށް ތަހުނިޔާ ފޮނުއްވައިފިއެވެ.
ރައީސް މުއިއްޒު ފޮނުއްވި ސިޓީފުޅުތަކުގައި، އެމަނިކުފާނުގެ އަމިއްލަފުޅު ނަންފުޅުގައާއި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، އިތިއޯޕިއާގެ ސަރުކާރާއި ރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮ އެދުންތައް ރައްދުކުރައްވާފައިވެއެވެ.
އިތިއޯޕިއާގެ ގައުމީ ދުވަހަކީ އެ ގައުމުގެ އެއްބައިވަންތަކަމާއި، ވިލުންތެރިކަމާއި، ކުރިއެރުން ރަމްޒްކޮށްދޭ ދުވަހެއް ކަމަށާއި، އަދި ކުރިމަގުގައިވެސް އިތިއޯޕިއާއަށް އަމާންކަމާއި، ހަމަޖެހުމާއި، ތަނަވަސްކަން ލިބިގެންދާނެ ކަމުގެ އުއްމީދު ކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް މުއިއްޒު ސިޓީފުޅު ނިންމަވާލައްވާފައިވަނީ އިތިއޯޕިއާގެ ރައީސްއާއި ބޮޑުވަޒީރަށް ފުރިހަމަ ސިއްހަތާއި ދުޅަހެޔޮކަމަށް އެދިވަޑައިގެން، އެ ގައުމަށާއި ގައުމުގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގަންނަވަމުންނެވެ.




