ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިއްސާއަކަށް 55ރ. ބަހަން ނިންމައިފިއެވެ.
މިރޭ ބޭއްްވި އަހަރީ އާންމު ޖަލްސާގައި، 2024 ވަނަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 55 ރުފިޔާގެމަގުން ޖުމްލަ 296 މިލިއަން ރުފިޔާ ބެހުމަށް ހިއްސާދާރުންވަނީ ފާސްކޮށްފައެވެ.
މިއީ ބޭންކުގެ ތާރީޚުގައި ހިއްސާގެ ފައިދާގެ ގޮތުގައި ބަހާ އެންމެ ބޮޑު އަދަދެވެ.
މި ނިންމުމާ ގުޅޭ ގޮތުން ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަރީފު ވިދާޅުވީ، މި ރެކޯޑު އަދަދުގެ ފައިދާއަކީ ބޭންކުގެ ވިޔަފާރީގެ ހަރުދަނާކަމާއި މުވައްޒަފުންގެ ބުރަ މަސައްކަތުގެ ނަތީޖާއެއް ކަމަށެވެ.
”ބޭންކަށް ކަސްޓަމަރުންނާއި ހިއްސާދާރުން ދެއްވާ އެއްބާރުލެއްވުމަށާއި ކުރައްވާ އިތުބާރަށް ޚާއްޞަ ޝުކުރެއް ދަންނަވަން. އަޅުގަނޑުމެން ކުރިމަގުގައިވެސް މާލީ ކުރިއެރުން ހޯދުމާއެކު، އެންމެ ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދިނުމުގެ މަސައްކަތުގައި ދެމި ތިބޭނަން،“ ޝަރީފު ވިދާޅުވިއެވެ.
ހިއްސާގެ ފައިދާ ލިބޭނީ ބުކް ކްލޯޝަރ ޑޭޓާ ހަމައަށް ބޭންކުގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.




