ޔޫރަޕްގެ ގިނަ ޓީމުތައް ވާދަކުރާ ފޯރިގަދަ ފީފާ ކްލަބް ވޯލްޑް ކަޕް މި މަހު ފެށުމަށް ވާންޖެހޭ ފަހުގެ ތައްޔާރީތައް ވަމުންދާ ކަމަށް ފީފާއިން ބުނެފިއެވެ.
މި މުބާރާތް ކުރިޔަށްދާނީ މި މަހުގެ 15 އިން ޖުލައި މަހުގެ 14 އަށެވެ.
މި އަހަރުގެ މުބާރާތުގައި ރެކޯޑު އަދަދެއްގެ ޓީމުތަކެއް ބައިވެރިވާއިރު، ފީފާގެ 6 ކޮންފެޑެރޭޝަނަކުން 32 ކްލަބް ހޮވައި، 8 ގްރޫޕަކަށް ބަހާލައިގެން މެޗުތައް ކުޅޭނެއެވެ. ކޮންމެ ޓީމަކުން ވެސް ގްރޫޕް ސްޓޭޖްގައި 3 މެޗު ކުޅެން ހަމަޖެހިފައިވާ އިރު، ކޮންމެ ގްރޫޕަކުން އެންމެ މަތިން ވަނަ ހޯދާ 2 ޓީމު ނޮކްއައުޓް ބުރަށް ދަތުރުކުރާނެއެވެ.
މުބާރާތުގައި ބައިވެރިވާ ފާހަގަކޮށްލެވޭ ޓީމުތަކުގެ ތެރޭގައި 2023 ވަނަ އަހަރުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ އާއި 2022 ވަނަ އަހަރުގެ ޗެމްޕިއަނއ ރިއަލް މެޑްރިޑް ހިމެނެއެވެ.
މި މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ ނިއު ޖާސީގެ މެޓްލައިފް ސްޓޭޑިއަމްގައެވެ.
މި މުބާރާތުގެ ޖުމްލަ އިނާމުގެ ގޮތުގައި 1 ބިލިއަން ޑޮލަރު ދޭނެ ކަމަށް ފީފާއިން ބުނެފައިވެއެވެ. މި ފައިސާ ބެހިގެންދާނީ ކޮންފެޑެރޭޝަންތަކާއި ކްލަބްތަކުގެ މެދުގައި ކަމަށާއި، މުބާރާތުގެ ޗެމްޕިއަންކަން ހޯދާ ޓީމަށް 125 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ފީފާއިން ބުންޏެވެ.
ރާއްޖޭގެ ފުޓްބޯޅައަށް ސަޕޯޓުކުރާ ފަރާތްތަކަށް އުފާވެރި ޚަބަރެއްގެ ގޮތުގައި، މި މުބާރާތުގެ މެޗުތައް އައިސް ޓީވީއިން ދައްކާނެ ކަމަށް މީޑިއާނެޓުން އިއްޔެ އިޢުލާންކޮށްފައިވެއެވެ.
މިއާއެކު ދުނިޔޭގެ އެންމެ މޮޅު ކްލަބްތަކުގެ މެޗުތައް ބަލާލުމުގެ ފުރުސަތު ރާއްޖޭގެ ކުޅިވަރަށް ލޯބިކުރާ ފަރާތްތަކަށް ލިބިގެންދާނެއެވެ.



