ދިވެހި ފިލްމު ”ސޮރީ“ ގެ ކާމިޔާބީ ފާހަގަކުރުމަށް އޮލިމްޕަސް ތިއޭޓަރުގައި ހާއްސަ އިވެންޓެއް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.
ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނަ ދިވެހި ފިލްމު ”ސޮރީ“ ގެ މި ހާއްސަ އިވެންޓް މިމަހުގެ 13 ވަނަ ދުވަހުގެ ރޭ 9:00 ގައި ފެށުމަށް ހަމަޖެހިފައިވާއިރު، މި އިވެންޓަކީ އާންމުންނަށް ހިލޭ ވަދެވޭނެ އިވެންޓެއްކަމަށް ފިލްމްގެ ޑައިރެކްޓަރު ފާތިމަތު ނަހުލާ ބުނެފައިވެއެވެ.
މި އިވެންޓުގައި ފިލްމުގެ ބިހައިންޑް ދަ ސީން ސީރީޒް ރިލީޒް ކުރުމާއި، ތީމް ލަވަ ނެރުން އޮންނާނެ ކަމަށް ނަހުލާ ބުންޏެވެ.
މީގެއިތުރުން، ކްރިސްޓަލް އެންޓަޓެއިންމަންޓުން އެންމެ ފަހުން އުފެއްދި ފީޗާ ފިލްމު ”4426“ ވެސް މި އިވެންޓުގައި ހިލޭ ބަލައިލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ނަހުލާ ވަނީ ބުނެފައެވެ.

ފިލްމު ”ސޮރީ“ ގައި މައިގަނޑު ރޯލުތަކުގައި ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި މަރިޔަމް އައްޒަ ފެނިގެންދާއިރު، އީސާ ޝަރީފް، ޝީލާ ނަޖީބު، އަހުމަދު އީސާ، އަލީ ޝަމާލް، ވާސިޔާ މުހައްމަދު، އައިޝާ އަލީ އަދި މޫސާ އަލީފްގެ އިތުރުން ނަހުލާގެ ދަރިފުޅު ލަޔާލީ އަދި މާމަ ދަރިފުޅު އެވެލީ ވެސް ފިލްމުން ފެނިގެންދާނެއެވެ.
ފިލްމުގެ ޓިކެޓް މިހާރު ވިއްކަމުންދާއިރު، މި ފިލްމު ސިނަމާތަކުގައި ދައްކަން ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 17 ވަނަ ދުވަހުއެވެ.



