އަންނަ ހުކުރު ދުވަހުން ފެށިގެން ހައްޖުވެރިން އަންނަން ފަށާނެ ކަމަށް ހައްޖު މިޝަން އިން މިއަދު ބުނެފިއެވެ.
ހައްޖު މިޝަން އިން މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވާ ގޮތުގައި ހައްޖުވެރިންގެ ފުރަތަމަ ފްލައިޓް އަންނާނީ ޖޫން 13 ވާ ހުކުރު ދުވަހު މެންދުރު 14:00 ގައެވެ.
އަދި ހައްޖުވެރިންގެ ދެވަނަ ފްލައިޓު އައުމަށް ހަމަ ޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ ރޭގަނޑު، 23:00 ގައެވެ. އެއީ މޯލްޑިވިއަންގެ ފްލައިޓެއް ކަމަށް ހައްޖު މިޝަން އިން ބުނެފައިވެއެވެ.
ހުކުރު ހޮނިހިރަށް ފަހު ހައްޖުވެރިން އަންނާނީ ޖޫން 16 އަދި 17 ވަނަ ދުވަހުއެވެ.
ޖޫން 16 ވަނަ ދުވަހު މެންދުރު 14:00 ގައި ހައްޖުވެރިންގެ ފްލައިޓެއް ހަމަ ޖެހިފައިވާއިރު، ޖޫން 17 ވަނަ ދުވަހު ހައްޖުވެރިންގެ ފްލައިޓު ޖައްސާނީ ރޭގަނޑު 23:00 ގައެވެ.
މިއަހަރު ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން 1000 މީހަކު ވަނީ ގޮސްފައެވެ.
އަންނަ ހުކުރު ދުވަހުން ފެށިގެން ހައްޖުވެރިން އަނބުރާ އައުމަށް ހަމަޖެހިފައިވާއިރު، ހައްޖުވެރިންނަށް މަރުހަބާ ކިޔުމަށް ވީހާވެސް މަދު ބަޔަކު އެއާޕޯޓަށް ދިޔުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އެޗްޕީއޭއިން ބުނެފައިވަނީ ހައްޖުވެރިން އަނބުރާ އަންނަ ދުވަސްވަރު ރޯގާ ފަދަ ބަލިތައް އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.




