ދައުލަތުގެ އެކި މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވިޔަފާރިތަކަށް ދައްކަންޖެހި ނުދެއްކި ހުރި ފައިސާ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަންޖެހޭ ޓެކުހުގެ ފައިސާއިން އަޅައިކެނޑޭނެ ޚާއްޞަ ނިޒާމެއް ފިނޭންސް މިނިސްޓްރީން ހަމަޖައްސައިފިއެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، މި އިންތިޒާމުގެ ދަށުން ފައިސާ އަޅައިކެނޑުމަށް އެދޭ ފަރާތްތަކުން އެކަމަށް އެދި މީރާއަށް ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލައިފައެވެ.
މި ފުރުޞަތު މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ދައުލަތަށް ކޮށްދީފައިވާ މަސައްކަތްތަކަށް ނުލިބި ހުރި ބިލްތަކުގެ ފައިސާއަށެވެ.
މި ނިޒާމުގެ ދަށުން އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ހުށަހަޅާފައިވާ ބިލްތަކުގެ ތެރެއިން މިހާތަނަށް ފައިސާ ނުދައްކާ ހުރި ބިލްތަކަށް ލިބެންޖެހޭ އަދަދު ޓެކުހުން އަޅައިކެނޑޭނެއެވެ. އެ މިނިސްޓްރީން ބުނި ގޮތުގައި، ވިޔަފާރިއަކުން މީރާއަށް ދައްކަންޖެހޭ ޓެކުހުގެ އަދަދު ސަރުކާރުން އެ ފަރާތަކަށް ދައްކަންޖެހޭ ފައިސާއަށް ވުރެ ބޮޑުވާ ނަމަ، ސަރުކާރުން ދައްކަންޖެހޭ އަދަދު އަޅައިކެނޑުމަށް ފަހު ބާކީ އޮންނަ އަދަދު ޓެކުހުގެ ގޮތުގައި އެ ފަރާތަކުން މީރާއަށް ދައްކަންޖެހޭނެއެވެ.
މީގެ އިތުރުން، އެފަދަ ވިޔަފާރިތަކުން މީރާއަށް ދައްކަންޖެހޭ ޓެކުހުގެ ފައިސާއަށް ވުރެ ސަރުކާރުން އެ ފަރާތަކަށް ދައްކަންޖެހޭ ބިލްތަކުގެ ފައިސާ ގިނަ ނަމަ، ޓެކުހަށް ވާ އަދަދު އަޅައިކެނޑުމަށް ފަހު ބާކީ ފައިސާ ސަރުކާރުން އެ ވިޔަފާރިއަކަށް ދައްކާ ގޮތަށް ވަނީ ހަމަޖައްސައިފައެވެ.
މި އިންތިޒާމުގެ ދަށުން ޓެކުހުން ފައިސާ އަޅައިކެނޑުމަށް އެދި ހުށަހަޅާއިރު، އެ ފައިސާއާ ގުޅޭ އެންމެހައި ތަފްޞީލުތަކާއެކު، މީރާއިން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ލިޔެކިޔުންތައް ހުށަހެޅުމަށް ފިނޭންސް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.



