ފުޓްބޯޅައިގެ އެންމެ ޝަރަފުވެރި ހާއްސަ އެވޯޑު ކަމުގައިވާ ބެލޮން ޑީ އޯރގެ 69 ވަނަ އެޑިޝަން މިއަހަރު ބޭއްވުމަށް ތައްޔާރުވަމުންދާއިރު، މި އެވޯޑު މި އަހަރު ކާމިޔާބުކުރާނެ ކުޅުންތެރިއަކާ މެދު ފުޓްބޯޅަ ލޯބިވެރިންގެ މެދުގައި ދަނީ ފޯރިގަދަ ބަހުސްތަކެއް ކުރެވެމުންނެވެ.
ކޮންމެ އަހަރަކުވެސް އެ އަހަރެއްގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ މި އެވޯޑަށް މިއަހަރު އެންމެ ވަރުގަދަ ދެ ވާދަވެރިންގެ ގޮތުގައި ފާހަގަކުރެވެނީ ޕެރިސް ސެއިންޓް ޖަރމަންގެ އުސްމާން ޑެމްބެލޭ އާއި ބާސެލޯނާގެ ޒުވާން ތަރި ލަމިން ޔަމާލް އެވެ.
ޑެމްބެލެ ވަނީ މިދިޔަ ސީޒަންގައި ހުރިހާ މުބާރާތްތަކުން ޖުމްލަ 33 ލަނޑާއި 15 އެސިސްޓް ހޯދައި، ޗެމްޕިއަންސް ލީގް އަދި ފްރާންސް ލީގު ކާމިޔާބުކޮށްފައެވެ.
ޔަމާލް ވަނީ ލަލީގާ، ކޮޕާ ޑެލްރޭ އަދި ސުޕަ ކަޕް ކާމިޔާބުކޮށް މި ސީޒަންގައި ހުރިހާ މުބާރާތްތަކުން ޖުމްލަ 18 ލަނޑާއި 25 އެސިސްޓް ހޯދާފައެވެ. އޭގެ ތެރޭގައި ލަ ލީގާގައި 9 ލަނޑާއި 12 އެސިސްޓް އަދި ޗެމްޕިއަންސް ލީގްގައި 4 ލަނޑާއި 5 އެސިސްޓް ހިމެނެއެވެ. އަދި ޔޫރޯ 2024 ގެ ޗެމްޕިއަންކަމާއި މިއަހަރުގެ ނޭޝަންސް ލީގުގައި ފްރާންސް ބަލިކޮށް ސްޕެއިން ފައިނަލަށް ގެންދިޔުމުގައި އޭނާގެ ދައުރު ވަރަށް ބޮޑެވެ.
މި އެވޯޑުގައި އިތުރަށް ފާހަގަކޮށްލެވޭ ކުޅުންތެރިންގެ ތެރޭގައި ބާސެލޯނާގެ ރަފީނިއާ އާއި ޕެޑްރީ އަދި ލިވަޕޫލްގެ މުހައްމަދު ސަލާހް ހިމެނެއެވެ. މި ކުޅުންތެރިންވެސް ވަނީ ފާހަގަކޮށްލެވޭ މޮޅު ކުޅުމެއް މި އަހަރު ދައްކާފައެވެ.
1956 އިން ފެށިގެން ދެމުން އަންނަ މި އެވޯޑު ދިނުމުގައި ބަލަނީ ކުޅުންތެރިންގެ ފެންވަރާއި އަޚްލާޤު، ޓީމުގެ ކާމިޔާބީތައް އަދި ރީތި ކުޅުމާއި ހަމަހަމަކަމަށެވެ.
އުމުރުން 17 އަހަރުގެ ޔަމާލް މި އެވޯޑު ކާމިޔާބުކޮށްފިނަމަ، އެއީ މި ޝަރަފުވެރި އެވޯޑު ކާމިޔާބުކުރި އެންމެ ޅަ އުމުރުގެ ކުޅުންތެރިޔާގެ ގޮތުގައި ތާރީޚު ލިޔެވޭނެއެވެ.
މިހާތަނަށް މި ރެކޯޑު އޮތީ ބްރެޒިލްގެ ރޮނާލްޑޯގެ އަތުގައެވެ. އޭނާ މި އެވޯޑު ކާމިޔާބުކުރީ އުމުރުން 21 އަހަރުގައެވެ.



