ޝާހްރުކް ޚާނާ އެކު އަދިވެސް ފިލްމެއް ކުޅެން ބޭނުންވާ ކަމަށާއި، އެފަދަ ފުރުސަތެއް ލިބޭނެ ކަމުގެ އުއްމީދުގައި ހުރި ކަމަށް ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކާޖޮލް ބުނެފިއެވެ.
މި ދެ ތަރިންނަކީ ހިންދީ ސިނަމާގެ އެންމެ މަގުބޫލު އެއް ޖޯޑެވެ. އަދި ދެތަރިން ވަނީ ގިނަ ކާމިޔާބު ފިލްމުތަކެއްގައި އެކުގައި މަސައްކަތްކޮށްފައެވެ.
މި މަހުގެ 27 ވަނަ ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާ ކާޖޮލްގެ ފުރަތަމަ ބިރުވެރި ފިލްމު ”މާ“ ގެ ޕްރޮމޯޝަންގެ ތެރެއިން ޕިންކްވިލާ އަށް ދިން އިންޓަވިއުއެއްގައި، 50 އަހަރުގެ ބަތަލާ ވަނީ އެ މީހުންގެ އުމުރާ ގުޅޭ އަދި މި ޒަމާނަށް ފެތޭ ލޯބީގެ ފިލްމެއް ޝާހްރުކްއާ އެކު ކުޅެން ބޭނުންވާ ކަމަށް ބުނެފައެވެ.
”އަހަރެން އުންމީދު ކުރަން މެޗްއާޑް ލަވްސްޓޯރީއެއް ކުޅެން ދެ މީހުންނަށް ފުރުސަތެއް ލިބޭނެ ކަމަށް،“ އެކްޓަރު އަޖޭ ދޭވްގަންގެ އަނބިމީހާ ކާޖޮލް ބުންޏެވެ.
އޭނާ އިތުރަށް ބުނި ގޮތުގައި ޝާހްރުކާ އެކީ މަސައްކަތް ކުރުމަކީ އަބަދު ވެސް ވަރަށް މަޖާ އަދި ފަސޭހަ ކަމެކެވެ. އަދި ކުރީގެ ތަޖުރިބާތައް ވަރަށް ހިތްގައިމު ކަމަށް ވެސް ފާހަގަކުރިއެވެ.
ޝާހްރުކާއި ކާޖޮލް އެކީގައި ކުޅެފައިވާ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި ”ބާޒީގާރް“، ”ދިލްވާލޭ ދުލްހަނިޔާ ލޭޖާއޭގޭ“ (ޑީޑީއެލް)، ”ކަރަން އަރުޖުން“، ”ކުޗް ކުޗް ހޯތާ ހޭ“، ”ކަބީ ހުޝީ ކަބީ ޢަމް“ އަދި ”މައި ނޭމް އިޒް ޚާން“ ފަދަ ބޮޑެތި ހިޓް ފިލްމުތައް ހިމެނެއެވެ.
މި ދެ ތަރިން އެންމެ ފަހުން އެކީގައި މަސައްކަތްކުރި ފިލްމަކީ 2015 ވަނަ އަހަރު ރިލީޒްކުރި ”ދިލްވާލޭ“ އެވެ.


