އިންގްލިޝް ޕްރިމިއާ ލީގުގެ މެންޗެސްޓާ ސިޓީން ދޫކޮށްލި ބެލްޖިއަމްގެ ކުޅުންތެރިޔާ ކެވިން ޑި ބްރުއިނާ އިޓާލީގެ ސީރީ އޭ ޗެމްޕިއަން ނަޕޯލީއާ ގުޅިއްޖެއެވެ.
އުމުރުން 33 އަހަރުގެ ޑި ބްރުއިނާ ނަޕޯލީއާ ގުޅިފައިވަނީ ފްރީ ޓްރާންސްފާއެއްގެ ދަށުން، ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްގެންނެވެ.
މެންޗެސްޓާ ސިޓީން ޑި ބްރުއިނާ ދޫކޮށްލާނެކަން ހާމަކުރީ ނިމިދިޔަ ސީޒަން ނިމުމާ ކައިރިވެފައި ވަނިކޮށެވެ. އޭނާގެ ގެންދިއުމަށް ނަޕޯލީގެ އިތުރުން އެމެރިކާގެ މޭޖާ ލީގު ސޮކާގެ ޝިކާގޯ ފަޔާއިން ވެސް ވަނީ މަސައްކަތްތަކެއް ކޮށްފައެވެ.
ނަޕޯލީން އޭނާ އެ ޓީމާ ގުޅުނުކަން ހާމަކޮށްފައިވަނީ ”ކިންގް ކެވް“ އަށް މަރުހަބާ ކިޔައި، ޚާއްސަ ގްރެފިކްސްއެއް މެދުވެރިކޮށެވެ.
2015 ވަނަ އަހަރު ވުލްފްސްބާގުން މެންޗެސްޓާ ސިޓީއާ ގުޅުނު ޑި ބްރުއިނާ، ސިޓީގައި ހޭދަކުރި 10 އަހަރުގެ ކާމިޔާބު ދައުރުގައި ޖުމުލަ 19 މުހިންމު ތަށި ވަނީ ހޯދާފައެވެ. މީގެ ތެރޭގައި ހަ ޕްރިމިއާ ލީގު، ފަސް ލީގު ކަޕް އަދި ދެ އެފްއޭ ކަޕް ހިމެނެއެވެ.
”މެންޗެސްޓާގައި ހޭދަކުރެވުނު 10 އަހަރަކީ ފާހަގަކޮށްލެވޭ އަދި ހަނދާނުން ފޮހެލަން ދަތި 10 އަހަރު. މެންޗެސްޓާ ވެގެންދިޔައީ އަހަރެންނާއި އަހަރެންގެ އާއިލާގެ ގެއަށް.“ ޑި ބްރުއިނާ ބުންޏެވެ.
2023 ވަނަ އަހަރު ސިޓީން ފުރަތަމަ ފަހަރަށް ޔުއޭފާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމުގައި ވެސް ޑި ބްރުއިނާގެ މުހިންމު ދައުރެއް އޮތެވެ.
އޭނާ ސިޓީގެ ދަނޑުގައި ކުޅުނު އެންމެ ފަހު މެޗަކީ މެއި މަހު ބޯންމޯތާ ދެކޮޅަށް ކުޅުނު ލީގު މެޗެވެ.



