ފީފާ ކްލަބް ވޯލްޑް ކަޕުގެ ފުރަތަމަ މެޗުގައި އެމެރިކާގެ އިންޓަ މިއާމީ އާއި އިޖިޕްޓުގެ އަލް އަހްލީ 0-0 އިން އެއްވަރުވެއްޖެއެވެ.
ކުލަގަދަ ރަސްމިއްޔާތަކާއެކު ރޭ ފެށުނު މި މުބާރާތުގެ ފުރަތަމަ މެޗު ކުޅުނީ ހާޑް ރޮކް ސްޓޭޑިއަމްގައެވެ.
މެޗުގެ މޭން އޮފް ދަ މެޗްގެ މަޤާމަށް ހޮވުނު އިންޓަ މިއާމީގެ ގޯލްކީޕަރު އޮސްކާ އުސްތަރީ ވަނީ އަލް އަހްލީގެ ގިނަ ހަމަލާތަކެއް ހުއްޓުވާލާފައެވެ. އޭގެ ތެރޭގައި އަލް އަހްލީއަށް ލިބުނު ޕެނަލްޓީ ކިކެއް ވެސް ހިމެނެއެވެ. އުސްތަރީގެ މި މޮޅު ކުޅުމުގެ ސަބަބުން އިންޓަ މިއާމީއަށް ވަނީ މެޗުން ޕޮއިންޓެއް ހޯދުމުގެ ފުރުސަތު ލިބިފައެވެ.
މެޗުގައި އިންޓަ މިއާމީގެ ސުޕަރ ސްޓާރު ލިއޮނެލް މެސީ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އޭނާ ފޮނުވާލި ފްރީ ކިކެއް ދަނޑި ކައިރިން ބޭރަށް ދިޔަ އިރު، އޭރިއާ ބޭރުން އޭނާ ފޮނުވާލި ވަރުގަދަ ޝޮޓެއް އަލް އަހްލީގެ ކީޕަރު ހުއްޓުވާލުމަށް ފަހު އަމާޒުވީ ގޯލު ދަނޑިއަށެވެ.
މިއީ އައު ފޯމެޓްގެ ދަށުން ކުޅޭ ކްލަބް ވޯލްޑް ކަޕުގެ ފުރަތަމަ މުބާރާތެވެ. މި އަހަރުގެ މުބާރާތުގައި ޖުމްލަ 32 ޓީމު ވާދަކުރާއިރު، ޓީމުތައް ވަނީ އަށް ގުރޫޕަކަށް ބަހާލެވިފައެވެ.
މި ބަދަލާއެކު މުބާރާތް އިތުރަށް ފުޅާވެ، ވާދަވެރިކަން އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.
މެޗުގެ ފަހު މިނެޓްތަކުގައި ދެ ޓީމުން ވެސް ވަނީ ލަނޑު ޖެހުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ނަމަވެސް ދެ ޓީމުގެ ދިފާއީ ގަދަ ކުޅުމުގެ ސަބަބުން މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.



