ރޯގާ އާއި ހުން އިތުރުވަމުން ދިއުމާ ގުޅިގެން އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައި ފްލޫ ކްލިނިކެއް ހުޅުވައިފިއެވެ.
މި ކްލިނިކް ހުޅުވީ ހައްޖުވެރިން ރާއްޖެ އައުމާއި، މި ދުވަސްވަރު އިންފްލުއެންޒާ ފަދަ ނޭވާލާ ނިޒާމުގެ ބަލިތައް ފެތުރެމުންދާ މިންވަރު އިތުރުވަމުން ދިއުމާ ގުޅިގެންނެވެ.
އެ ހޮސްޕިޓަލުން ”އެކްސް“ ގައި ކުރި ޕޯސްޓެއްގައި ހާމަކުރި ގޮތުގައި، ހިތްފަހި ކްލިނިކުގައި ޤާއިމުކޮށްފައިވާ މި ފްލޫ ކްލިނިކް ހުޅުވިފައި ހުންނާނީ މެންދުރުފަހު 3:00 އިން ފެށިގެން ރޭގަނޑު 10:00 އާ ހަމައަށެވެ. އަދި މި ކްލިނިކަށް ފަރުވާ ހޯދަން އަންނަ ފަރާތްތަކުން މާސްކް އެޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
މި ކްލިނިކް ހުޅުވުމުގެ ކުރިން، ހައްޖުވެރިން ރާއްޖެ އައުމާ ދިމާކޮށް އައިޖީއެމްއެޗް އަދި ހުޅުމާލެ ހޮސްޕިޓަލުގައިވެސް މިފަދަ ފްލޫ ކްލިނިކުތަކެއް ވަނީ މިދިޔަ ހަފުތާގައި ހުޅުވާފައެވެ.
މި ދުވަސްވަރު ރޯގާ ފެތުރުން އިތުރުވެފައިވާތީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިންވެސް ވަނީ ޚާއްސަ އިރުޝާދުތަކެއް ދީފައެވެ.
މިގޮތުން ހައްޖުން އެނބުރި އަންނަ ފަރާތްތަކުގެ ތެރެއިން ރޯގާ ޖެހި ކެއްސުން ފަދަ އަލާމާތްތައް ހުންނަ ފަރާތްތަކުން މީހުން އެއްވާ ތަންތަނަށް ނުދިއުމަށާއި، ޚާއްސަކޮށް ކުޑަކުދިންނާ ކައިރިނުވުމަށް އިރުޝާދު ދީފައިވެއެވެ.




