ފީފާ ކްލަބް ވޯލްޑް ކަޕުގައި ރޭ ލިއޮނެލް މެސީ ޖެހި ލަނޑާއެކު އިންޓަ މިއާމީ އިން ފަހަތުން އަރައި ޕޯޓޯ ބަލިކޮށްފިއެވެ.
އިންޓަ މިއާމީން ޕޯޓޯ ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ.
މި މޮޅާއެކު މިއާމީ އަށް ވަނީ ޓޯނަމަންޓުގައި ކުރިއަށް ދިއުމުގެ ފުރުސަތު އިތުރަށް ފަހިވެފައެވެ.
މެޗުގެ ފުރަތަމަ ލަނޑު ޖެހީ އަށްވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން ޕޯޓޯއިންނެވެ. މި ލަނޑު ޕޯޓޯއަށް ޖަހައިދިނީ ސަމޫ އޮމޮރޮއްދީންއެވެ. ފުރަތަމަ ހާފުގައި ޕޯޓޯ އަށް ލީޑު ފުޅާކުރުމުގެ ފުރުސަތުތަކެއް ލިބުނު ނަމަވެސް، އެ ފުރުސަތުތައް ބޭނުން ކުރެވިފައެއް ނުވެއެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިގެން ދެވަނަ މިނެޓުގައި ޓެލަސްކޯ ސެގޯވިއާ ވަނީ މިއާމީ އަށް ފުރަތަމަ ލަނޑު ޖަހައިދީފައެވެ. މި ލަނޑާއެކު މެޗުގެ ނަތީޖާ ހަމަހަމަވެ، މިއާމީ އަށް އިތުރު ހިތްވަރެއް ލިބުނެވެ.
މެޗުގެ 54 ވަނަ މިނެޓުގައި ”ގޯޓް“ ގެ ނަމުން މަޝްހޫރު ލިއޮނެލް މެސީ ފޮނުވާލި ރީތި ހިލޭ ޖެހުން ޕޯޓޯގެ ގޯލްކީޕަރު ކްލޯޑިއޯ ރާމޯސް އަށް ހުއްޓުވޭ ގޮތް ނުވެ އިންޓާ މިއާމީއަށް ލީޑު ލިބުނެވެ.
މިއީ މެސީ މިއާމީ އަށް ޖަހައިދިން 50 ވަނަ ލަނޑެވެ. އަދި އޭނާގެ ކެރިއަރުގައި ހިލޭ ޖެހުމުން ކާމިޔާބުކުރި 68 ވަނަ ލަނޑެވެ.
އިންޓާ މިއާމީގެ މި މޮޅާއެކު ގުރޫޕް ”އޭ“ ގެ ތާވަލުގައި ޕޮއިންޓުގެ ގޮތުން މިއާމީ އަދި ޕަލްމެއިރާސް ވަނީ އެއްވަރުވެފައެވެ. ދެ ޓީމަށްވެސް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ.
ނަމަވެސް ގޯލު ތަފާތުން ޕަލްމެއިރާސް އޮތީ އެއްވަނައިގައެވެ.



