މިދިޔަ ހޯމަ ދުވަހު ހުޅުމާލެ ފޭސް 1 ނިރޮޅުމަގު، އައިއޯއެން ފިހާރަ ކުރިމަތީގައި އޮންނަ ކަފިހިހުރަސް މަތިން މަގު ހުރަސްކުރި މީހެއްގެ ގައިގައި ސައިކަލުން ޖެހި އެކްސިޑެންޓުވުމުން މަޑުނުކޮށް ފިލައިގެން ދިޔަ މީހަކު ހޯދައި ހައްޔަރުކޮށްފިއެވެ.
ޖޫން މަހުގެ 16 ވަނަ ދުވަހުގެ 14:10 އެހައިކަންހާއިރު ރިޕޯޓު ކުރެވުނު މި އެކްސިޑެންޓު ހިނގާފައިވަނީ ހުޅުމާލެ ފޭސް 1 ނިރޮޅުމަގު، އައިއޯއެން ފިހާރަ ކުރިމަތީގައި އޮންނަ ކަފިހިހުރަސް މަތިން ކަމަށް ފުލުހުން ބުނެފައިވެއެވެ.
އަދި މި އެކްސިޑެންޓުގައި އަނިޔާވެފައިވާ 54 އަހަރުގެ ދިވެހި ފިރިހެން މީހާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށާއި، މިވަގުތު އައިޖީއެމް ހޮސްޕިޓަލުގައި އޭނާއަށް ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކުރީ އެ ސައިކަލު ދުއްވި ގއ. މާމެންދޫ، މޫންލައިޓްވިލާ، މުހައްމަދު ނާޝިއު (20އ) އެވެ. އޭނާގެ ލައިސަންސްްއެއް ނޯވެ އެެވެ.
ޖޫން 19 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރެވުނު ނާޝިއު، ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން، އޭނާ ހަ ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.



