ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާން ޚާންއަށް ސީރިއަސް ސިއްހީ މައްސަލަތަކެއް ދިމާވެފައިވާކަމަށް އޭނާ ބުނެފިއެވެ.
”ދަ ގްރޭޓް އިންޑިއަން ކަޕިލް ޝޯ“ ގެ އާ ސީޒަންގެ ފުރަތަމަ މެހުމާނެއްގެ ގޮތުގައި ބައިވެރިވެ، އޭނާގެ ސިއްހީ ހާލަތާ ބެހޭ ގޮތުން މިހާތަނަށް ހާމަނުކުރާ ގިނަ މަޢުލޫމާތުތަކެއް ހިއްސާކޮށްފައިވެއެވެ.
ސަލްމާން ޚާން ހާމަކުރި ގޮތުގައި އޭނާއަށް ޖެހިފައިވާ އެންމެ ބޮޑު އެއް ބައްޔަކީ ޓްރައިޖެމިނަލް ނިއުރަލްޖިއާއެވެ.
”މިއީ ވަރަށް ރިހުން ގަދަ، މޫނުގެ ނާރުތަކަށް ޖެހޭ ބައްޔެއް. މި ބަލީގެ ސަބަބުން މޫނުގައި ރިއްސުމާއި އިލެކްޓްރިކް ޝޮކެއް ލިބޭ ކަހަލަ އިހުސާސްތައް ކުރެވޭ،“ ސަލްމާން ބުންޏެވެ.
މީގެ އިތުރުން، ސަލްމާންއަށް ސިކުނޑިއަށް ޖެހޭ އެނޮރީސަމް އަދި އޭވީ މެލްފޯމޭޝަން ޖެހިފައިވާކަންވެސް އޭނާ ހާމަކުރިއެވެ. އެނޮރީސަމްއަކީ ސިކުނޑީގެ ނާރުތައް ފުއްޕާ، އެއްވެސް އަލާމާތެއް ނުފެނި ހުއްޓާ ނާރު ފަޅައިގެން ގޮސް ސްޓްރޯކް ޖެހުމުގެ ނުރައްކާ އޮންނަ ބައްޔެކެވެ. އަދި އޭވީ މެލްފޯމޭޝަންގެ ސަބަބުން ފިޓް ޖެހުމާއި ނާރުތަކުގެ އެހެނިހެން މައްސަލަތައް ދިމާވެއެވެ.
2017 ވަނަ އަހަރު ދުބާއީގައި ”ޓިއުބްލައިޓް“ ފިލްމުގެ އިވެންޓެއްގައި ސަލްމާން ވަނީ ޓްރައިޖެމިނަލް ނިއުރަލްޖިއާގެ ވާހަކަ ފުރަތަމަ ފަހަރަށް ދައްކާފައެވެ. މި ބައްޔަކީ އޭގެ ރިހުމުގެ ގަދަކަމުން ’ސުއިސައިޑް ޑިޒީޒް‘ ގެ ނަމުންވެސް މަޝްހޫރު ބައްޔެއް ކަމަށް ސަލްމާން އޭރު ބުނެފައިވެއެވެ.
59 އަހަރުގެ ސަލްމާން ޚާން، މި ހުރިހާ ސިއްހީ މައްސަލަތަކާ އެކުވެސް މަސައްކަތްކުރަމުންދާ ކަމަށް އޭނާ ބުންޏެވެ.
އަދި ހަމަ އެހެންމެ، ސަމާސާ ރާގެއްގައި ކައިވެނީގެ ވާހަކަ ދައްކަމުން، މިހާރު އަލުން އާ ކަންކަން ފެށުމުގެ ބާރު ނެތްކަމަށާއި، ކައިވެނި ކޮށްފިނަމަ އަނބިމީހާ ވަރިވެގެން ދާއިރު މުދަލުގެ ދެބައިކުޅަ އެއްބައި ގެންދިއުމުގެ ބިރު އޮތް ކަމަށްވެސް ސަލްމާން ބުންޏެވެ.




