2028 ގައި އޮންނަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓަށް ވާދަކުރައްވަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.
ސޯލިހުގެ މި ނިންމެވުން އިއުލާންކުރެއްވީ މިރޭ މާލޭގައި ބޭއްވި ޚާއްސަ ބައްދަލުވުމެއްގައެވެ.
މައުލޫމާތު ލިބޭ ގޮތުގައި މި ނިންމެވުން އިއުލާންކުރެއްވީ ސޯލިހުއަށް ތާއީދުކުރައްވާ ބޭފުޅުންނާއެކު ބޭއްވި ކެއުމުގެ ބައްދަލުވުމެއްގައި، ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) އެވެ.
މި ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމް، ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް އަދި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ފަދަ އިސް ބޭފުޅުން ބައިވެރިވެވަޑައިގެން، ސޯލިހުގެ ނިންމެވުމަށް ތާއީދު ކުރެއްވިއެވެ.
އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ގިނަ ބޭފުޅުންތަކެއް މިހާރު ވަނީ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ. މީގެ ތެރޭގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް، އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. މުހައްމަދު ޝަމްހީދު ހިމެނިވަޑައިގަންނަވައެވެ.
ސޯލިހު ރިޔާސީ އިންތިހާބަށް ވާދަކުރެއްވުމަށް ނިންމެވީ، ދަ ޑިމޮކްރެޓްސް ޕާޓީގެ މެންބަރުންނާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަލުން އެމްޑީޕީއާ ގުޅުމަށް ނިންމަވާފައިވާ ދަނޑިވަޅެއްގައެވެ.
ނަޝީދު އަލުން އެމްޑީޕީއަށް ސޮއިކުރެއްވުމުގެ ރަސްމިއްޔާތު އޮންނަނީ މާދަމާ ރޭ ސަލްޓަން ޕާކުގައެވެ.
އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަވެރިކަން ބޮޑުވެފައިވާއިރު، ވެރިކަންކުރާ ޕީއެންސީން ދަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ދެވަނަ ދައުރަކަށް ހޮވުމަށް މަސައްކަތްކުރަމުންނެވެ.
ނަމަވެސް ރައީސް މުއިއްޒު މިހާތަނަށް ރަސްމީކޮށް ވާދަކުރައްވާނެކަން އިއުލާންކުރައްވާފައެއް ނުވެއެވެ.



