ހއ. އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށެއްގައި ސްކޭމް އެވެއާނަސް ސެޝަންތަކެއް ކުރިއަށް ގެންގޮސްފިއެވެ.
ފުލުހުން މިއަދު ބުނީ އެ ސެޝަންތައް ކުރިއަށް ގެންގޮސްފައި ވަނީ މި މަހުގެ 14ވަނަ ދުވަހުން ފެށިގެން 18ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.
އެގޮތުން މި ސެޝަންތައް ކުރިއަށް ގެންގޮސްފައި ވަނީ އެންޓި ސްކޭމް ސެންޓަރާއި ހއ. އަތޮޅު ޕޮލިސް އަދި ހއ. އަތޮޅު ކައުންސިލު ގުޅިގެންނެވެ.
މި ސެޝަންތަކުގައި މައުލޫމާތު ދެއްވީ އެންޓި ސްކޭމް ސެންޓަރުގެ ހެޑް، އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ނަދުވީ އެވެ.
މި ސެޝަންތަކުގައި މައުލޫމާތު ދީފައިވަނީ ރަށުގެ ރައްޔިތުންނަށާއި ސްކޫލް ދަރިވަރުންނަށެވެ.
އެގޮތުން، ސްކޭމް އިން ރައްކާތެރިވާނެ ގޮތްތަކާއި ކޮންމެ މީހަކު ވެސް ޓެކްނޮލޮޖީއަށް އަހުލުވެރިވުމަށާއި އަތުގައި އޮންނަ ސްމާޓް ފޯނު، ޓެބްލެޓް ނުވަތަ ލެޕްޓޮޕް ފަދަ ޑިވައިސްތަކުގެ ސެކިއުރިޓީ ވަރުގަދަކޮށް، ޓޫ ފެކްޓަރ އޮތޮންޓިކޭޝަން ފަދަ ސެކިއުރިޓީ ފިޔަވަޅުތައް ވަރުގަދަކުރުމަށް އިރުޝާދުދީފައިވެއެވެ.
ހއ. އަތޮޅަކީ އެންމެ ކުށްމަދު އަތޮޅަށް ހެދުމަށް މިފަދަ އެވެއާނަސް ޕްރޮގްރާމްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދާނެކަމަށް މި ޕްރޮގްރާމުގައި، ހއ. އަތޮޅު ކޮމާންޑަރު އިންސްޕެކްޓަރ އޮފް ޕޮލިސް ޙުސައިން ޝިޒްލީން ފާހަގަކުރެއްވިއެވެ.



