މިހާރު ކުރިއަށްދާ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒް (މޯލްޑިވްސް އެކްސްޕޯ)އަށް މިހާތަނަށް 2 ލައްކައަށްވުރެ ގިނަ މީހުން ޒިޔާރާތްކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިކަން ހާމަކުރެއްވީ ”ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026“ ގެ ކާމިޔާބީއާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މައުރަޒު ފެށުނީއްސުރެ މިހާތަނަށް ޖުމްލަ 205،000 މީހުން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ އެވްރެޖުކޮށް ބަލާއިރު ދުވާލަކަށް 41،000 މީހުންގެ އަދަދެކެވެ.
10 އަހަރުގެ މެދުކެނޑުމަކަށްފަހު 2025 ވަނަ އަހަރު މި މަޢުރަޒާއި އެކްސްޕޯ ވިލުންތެރި ވިސްނުންތަކާއެކު ވަރަށް ފުޅާ ދާއިރާއެއްގައި އަލުން ފަށާފައިވާކަން ފާހަގަކުރައްވަމުން، މިނިސްޓަރު ވިދާޅުވީ އަހަރުން އަހަރަށް މި މައުރަޒު އިންތިޒާމުކުރާ ގޮތް ގެންދަނީ ތަރައްޤީކުރަމުން ކަމަށެވެ.
މި އެކްސްޕޯގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ކްރިއޭޓިވް އިކޮނޮމީގެ ދާއިރާއަށް އިތުރު ކުރިއެރުން ގެނައުން ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ އަމާޒާ އެއްގޮތަށް 2030 ގެ ކުރިން ރާއްޖޭގެ އުފެއްދުންތެރިކަމުގެ %15 އަކީ ކްރިއޭޓިވް އިކޮނޮމީގެ ހިއްސާ ކަމުގައި ހެދުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިއަހަރުގެ މައުރަޒު 7 ޑިސްޓްރިކްޓަކަށް ބަހާލައިގެން ކުރިއަށްގެންދާއިރު، އޭގެ ތެރޭގައި މައުރަޒުގެ ވާދަކުރުމުގެ ބައިގައި ބައިވެރިކޮށްފައިވާ ތަކެތި ދައްކާލުމަށް ޚާއްޞަ ޑިސްޓްރިކްޓާއި، އުފެއްދުންތެރި އިޤުތިޞާދީ ޙަރަކާތްތަކަށް ޚާއްޞަ ކްރިއޭޓިވް އިކޮނޮމީ ޑިސްޓްރިކްޓާއި، ޓެކްނޮލޮޖީގެ އެކި އުފެއްދުންތަކަށް ޚާއްޞަ ޑިޖިޓަލް އެންޑް އިނޮވޭޓިވް ޑިސްޓްރިކްޓް އަދި މުނިފޫހިފިލުވުމާއި ދިވެހި ސަޤާފީ ޙަރަކާތްތަކަށް ޚާއްޞަ އެންޓަރޓައިންމަންޓް ޑިސްޓްރިކްޓް ހިމެނެއެވެ.
މި ފަހަރުގެ މައުރަޒުގައި 419 ފަރާތަކުން 4،404 އުފެއްދުން ބައިވެރިކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރު 240 ފަރާތަކުން ބައިވެރިކުރި 2،400 އުފެއްދުމާ އަޅާބަލާއިރު %83.5 ގެ ބޮޑު ކުރިއެރުމެކެވެ. މައުރަޒުގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އަމިއްލަ ފަރުދުންނެވެ. އޭގެ ތެރޭގައި 321 އަމިއްލަ ފަރުދުންނާއި 75 ވިޔަފާރިއެއްގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ 16 ފަރާތެއް ހިމެނެއެވެ.
މީގެ އިތުރުން ތަޢުލީމީ ދާއިރާއާއި ޖަމްޢިއްޔާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުންވެސް ވަނީ މި މައުރަޒުގައި ވަރަށް އިސްނަގައިގެން ބައިވެރިވެފައެވެ.



