ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް އައްޔަނުކުރާ މެމްބަރުން ކަނޑައެޅުމަށް ބޭއްވި އިންތިޚާބުގެ ނަތީޖާއިން ފެންނަނީ ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ އަގުވަޒަންކުރާކަން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މި އިންތިޚާބު ކާމިޔާބުކުރެއްވި ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ދެ މެމްބަރުންނަށް މަރުޙަބާ ވިދާޅުވެ އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.
ރައީސް ވަނީ ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ) ތަކުގެ ރައީސުންގެ ތެރެއިން އެލްޖީއޭގެ ބޯޑަށް މެންބަރުން އިންތިޚާބުކުރުމަށް ބޭއްވި މި އިންތިޚާބު ކާމިޔާބުކުރެއްވި ފ. ނިލަންދޫ ކައުންސިލްގެ ރައީސް ޢަލީ އަޙްމަދަށާއި، ށ. ފުނަދޫ އ.ތ.މ ކޮމިޓީގެ ރައީސް މަރްޔަމް ޒީނާއަށް ވަރަށް ބޮޑަށް މަރުޙަބާ ދަންނަވާފައެވެ.
ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ޚިދުމަތްތަކާއި ފުރުޞަތުތައް ލާމަރުކަޒުކޮށްގެން ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ އަގުވަޒަންކޮށް އެކަމަށް ބާރުދެއްވައި، ކޮންގްރެސް ޕާޓީގެ ފަރާތުން ވާދަކުރެއްވި ދެ ބޭފުޅުންނަށް ތާއީދުކުރައްވައި ވޯޓުދެއްވި ހުރިހާ ރަށު ކައުންސިލަރުންނަށާއި އ.ތ.މ. ކޮމިޓީތަކުގެ ރައީސުންނަށް ރައީސް ވަނީ އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ. އަދި އިންތިޚާބު ކާމިޔާބު ކުރުމުގައި ޕާޓީގެ ލީޑަރޝިޕާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ހުރިހާ ދާއިރާތަކުގެ ރައީސުންގެ އިތުރުން ސްޓިއަރިންގ ކޮމިޓީތަކުގެ ރައީސުންނާއި އެންމެހާ ފަރާތްތަކުން ކޮށްދެއްވި މަސައްކަތްޕުޅުވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އެލްޖީއޭގެ ބޯޑަށް 3 މެންބަރުން އިންތިޚާބު ކުރަންޖެހެއެވެ. އެއީ ސިޓީ ކައުންސިލަރުންގެ ތެރެއިން އިންތިޚާބު ކުރާ މެންބަރަކާއި، ރަށު ކައުންސިލަރުންގެ ތެރެއިން އިންތިޚާބު ކުރާ މެންބަރެއްގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން އިންތިޚާބު ކުރާ މެންބަރެކެވެ.
އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓުންނާ ވާދަކޮށް ބޮޑު އަޣްލަބިއްޔަތަކުން ޕީއެންސީން ކާމިޔާބުކުރި މި ދެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު 807 ފަރާތަކަށް ލިބިފައިވެއެވެ.
އޭގެތެރެއިން 706 މީހުން ވަނީ ވޯޓުލާފައެވެ. އެއީ ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ 87.5 އިންސައްތައެވެ.



