ސައުދީ ޕްރޯ ލީގުގެ ކްލަބް އަލް ނަސްރުގެ ސްޓާރ ސްޓްރައިކަރ ކްރިސްޓިއާނޯ ރޮނާލްޑޯ އެ ކްލަބުގައި މަޑު ކުރަން ނިންމައި އިތުރު ދެ އަހަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމާއެކު ޕޯޗުގީޒް ސުޕަރ ސްޓާރ ރޮނާލްޑޯ 2027 ވަނަ އަހަރުގެ ނިޔަލަށް އަލް ނަސްރުގައި ކުޅެމުން ގެންދާނެއެވެ.
އުމުރުން 40 އަހަރުގެ ރޮނާލްޑޯ އަލް ނަސްރާ ގުޅުނީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. އޭނާ އަލް ނަސްރާ ގުޅުނީ މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގާ ދެމެދު ހިނގި ހަމަނުޖެހުންތަކަށް ފަހު، ޔުނައިޓެޑްގެ އެއްބަސްވުން އުވާލުމަށް ފަހުގައެވެ.
ރޮނާލްޑޯގެ ކުރީގެ އެއްބަސްވުން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހަމަވާން އޮތްއިރު، އޭނާ އަލް ނަސްރު ދޫކޮށްލާނެ ކަމަށް ގިނަ ބަޔަކު ލަފާކުރިއެވެ. ނަމަވެސް ރޮނާލްޑޯ ވަނީ އެކްލަބާއެކު ކުރިއަށް ދާން ނިންމައިފައެވެ.
ފަސް ފަހަރު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު، (ބެލޯން ޑި’އޯ) ކާމިޔާބުކުރި ރޮނާލްޑޯ ވަނީ އަލް ނަސްރުގައި އޭނާގެ ވަރުގަދަ ފޯމް ދައްކުވައިދީފައެވެ.
ނިމިދިޔަ ސީޒަންގައި އޭނާ ވަނީ ހުރިހާ މުބާރާތެއްގައި 41 މެޗުން 35 ލަނޑު ޖަހައި، ޖެހިޖެހިގެން ދެ ސީޒަންގައިވެސް ލީގުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ.
އަލް ނަސްރާއެކު ރޮނާލްޑޯ މިހާތަނަށް ވަނީ 111 މެޗުން 99 ލަނޑު ޖަހާފައެވެ.
އަދި އޭނާގެ މުޅި ކެރިއަރުގައި ކްލަބްތަކާއި ގައުމީ ޓީމަށް ޖަހާފައިވާ ލަނޑުގެ އަދަދު 938 އަށް އަރާފައިވާއިރު، 1000 ލަނޑުގެ ހާއްސަ މައިލްސްޓޯނަށް ވާސިލުވުމާ ވަރަށް ކައިރިވެފައިވެއެވެ.



