2026 ވަނަ އަހަރު އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕްގެ ކުރިން ބޮޑު ލީގެއްގައި ކުޅެން ލިއޮނެލް މެސީ ބޭނުންވާކަމަށް އޭނާގެ ޚަބަރުތައް ގެނެސްދޭ ނޫސްވެރިޔާ އެސްޓެބޭން އެޑުލް ބުނެފިއެވެ.
2023 ވަނަ އަހަރު އިންޓަރ މަޔާމީއާއެކު މެސީ ސޮއިކުރި އެއްބަސްވުން މި އަހަރުގެ ނިޔަލަށް ހަމަވާއިރު، އިތުރު އަހަރަކަށް އެއްބަސްވުން އިތުރުކުރުމުގެ މާއްދާތަކެއް އެ އެއްބަސްވުމުގައި ހިމެނެއެވެ. ނަމަވެސް މި ވަގުތާ ހަމައަށް މެސީއާއި ކްލަބާ ދެމެދު އެކަމާ ގުޅޭ ރަސްމީ މަޝްވަރާތަކެއް ފެށިފައެއް ނުވެއެވެ.
އެޑުލް ހާމަކުރި ގޮތުގައި، އުތުރު އެމެރިކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕަށް އާޖެންޓީނާއާއެކު ނިކުތުމުގެ ކުރިން، ބޮޑު ލީގެއްގައި ކުޅުމަށް މެސީ ބޭނުންވާތީ، މަޔާމީއާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމުގެ މަޝްވަރާތައް ވަނީ މި ވަގުތަށް މަޑުޖައްސާލާފައެވެ.
ނަމަވެސް މަޝްހޫރު ފުޓުބޯޅަ ނޫސްވެރިޔާ ފެބްރީޒިއޯ ރޮމާނޯ ބުނާ ގޮތުގައި، މި އަހަރުގެ ނިޔަލަށް މެސީއާއެކު އިންޓަ މަޔާމީ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވިޔަސް، ދެ ފަރާތުން ވެސް އެއްބަސްވުން އިތުރުކުރަން ބޭނުންވެއެވެ. އަދި މެސީގެ އާއިލާ ވެސް އެމެރިކާގައި ދިރިއުޅެމުންދަނީ ހިތްހަމަޖެހިގެންނެވެ.
މެސީގެ އަނބިމީހާ އެންޓޮނެލާ އެމެރިކާގެ ބައެއް ބްރޭންޑުތަކާއެކު މަސައްކަތްކުރަމުންދާއިރު، އެމީހުންގެ ދަރިން އަންނަނީ އެމެރިކާގެ އެކަޑަމީތަކުގައި ފުޓުބޯޅައިގެ ތަމްރީނުތައް ހަދަމުންނެވެ.
މިކަންކަމަކީ މެސީ އިންޓަރ މަޔާމީއާއެކު އެއްބަސްވުން އައުކުރާނެކަމަށް ގިނަ ބަޔަކު ޤަބޫލުކުރާ ސަބަބުތަކެވެ.



