ތ. ވިލުފުށީގައި އިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓަށް ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމުގެ މަޝްރޫޢު ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގައި ބޭއްވުނު ރަސްމިއްޔާތެއްގައި، މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް، އަލްފާޟިލް އަލީ ފާރިސް ޔޫސުފްއެވެ.
ފެނަކައިގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އާރިފް އެވެ.
13.8 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަގެއްގައި ހަވާލުކުރެވުނު މި މަޝްރޫޢުގެ ދަށުން، ވިލުފުށީގައި އިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓަށް ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ވިއުގަ ޤާއިމްކުރެވޭނެއެވެ.
މި މަޝްރޫޢުގެ ޖުމްލަ އަގަކީ 13،809،463.64 ދިވެހި ރުފިޔާ ކަމަށްވާއިރު، މަސައްކަތް ނިންމުމަށް ދެވިފައިވަނީ އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 8 މަސްދުވަހުގެ މުއްދަތެކެވެ.




