ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް އައްޔަނުކުރާ މެންބަރުން ކަނޑައެޅުމަށް މިއަދު ބޭއްވި އިންތިޚާބު ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ކާމިޔާބުކޮށްފިއެވެ.
މިއަދު ވޯޓުލުން ކުރިއަށްދިޔަ ދެ މަޤާމަށްވެސް އިންތިޚާބުވެފައިވަނީ ޕީއެންސީގެ ކެންޑިޑޭޓުންނެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އެލްޖީއޭގެ ބޯޑަށް 3 މެންބަރުން އިންތިޚާބު ކުރަންޖެހެއެވެ. އެއީ ސިޓީ ކައުންސިލަރުންގެ ތެރެއިން އިންތިޚާބުކުރާ މެންބަރަކާއި، ރަށު ކައުންސިލަރުންގެ ތެރެއިން އިންތިޚާބުކުރާ މެންބަރެއްގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ (އ.ތ.މ) ރައީސުންގެ ތެރެއިން އިންތިޚާބުކުރާ މެންބަރެކެވެ.
މީގެ ތެރެއިން ސިޓީ ކައުންސިލަރުންގެ ފަރާތުން ބޯޑަށް އިންތިޚާބުކުރާ މަޤާމަށް ކުރިމަތިލެއްވީ ހަމައެކަނި ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު އާތިފް ކަމަށްވާތީ، އޭނާ ވަނީ ވޯޓަކާ ނުލައި އެ މަޤާމަށް އިންތިޚާބުވެވަޑައިގެންފައެވެ. އެހެންކަމުން މިއަދު ހެނދުނު 10:00 އިން ހަވީރު 4:00 އަށް ވޯޓުލުން ކުރިއަށްގެންދިޔައީ ރަށު ކައުންސިލަރުންނާއި އ.ތ.މ ކޮމިޓީތަކުގެ ރައީސުން ތަމްސީލުކުރާ ދެ މަޤާމަށެވެ. އެ ދެ އިންތިޚާބުގައިވެސް ވާދަކުރީ ޕީއެންސީ އަދި އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓުންނެވެ.
ވަގުތީ ނަތީޖާ ދައްކާގޮތުން ރަށު ކައުންސިލަރުން ތަމްސީލުކުރާ މެންބަރުގެ މަޤާމަށް އިންތިޚާބުވެވަޑައިގަތީ ޕީއެންސީގެ ކެންޑިޑޭޓް އަލީ އަޙުމަދެވެ. އޭނާއަށް 314 ވޯޓު ލިބިވަޑައިގެންނެވި އިރު، ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް އަލީ ޒާފިރަށް ލިބިވަޑައިގަތީ 227 ވޯޓެވެ.
މީގެ އިތުރުން އ.ތ.މ ކޮމިޓީތަކުގެ ރައީސުން ތަމްސީލުކުރާ މެންބަރުގެ މަޤާމު ކާމިޔާބުކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓް މަރިޔަމް ޒީނާއެވެ. އޭނާ އެ މަޤާމަށް އިންތިޚާބުވެވަޑައިގަތީ 93 ވޯޓު ހޯއްދަވައިގެންނެވެ. އެ މަޤާމަށް ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް މަރިޔަމް ނީނާއަށް ލިބިވަޑައިގަތީ 67 ވޯޓެވެ.
މި އިންތިޚާބުގައި ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ޙައްޤު ލިބިގެންވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ކައުންސިލްތަކުގެ 625 ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ 182 ރައީސުންނެވެ.
އެލްޖީއޭއިން މަޢުލޫމާތު ދެއްވި ގޮތުގައި މި އިންތިޚާބުގެ ރަސްމީ ވަގުތީ ނަތީޖާ މިރޭ އިޢުލާންކުރާނެއެވެ. އަދި އުޞޫލާ އެއްގޮތަށް އިންތިޚާބުގެ ދާއިމީ ނަތީޖާ އިޢުލާންކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހުއެވެ.




