މިދިޔަ މޭ މަހު ޒަކާތު ފަންޑުން ބޭސްފަރުވާއަށް 3.9 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ޒަކާތު ހައުސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މި ފަންޑުން އެހީ ދީފައިވަނީ މައިގަނޑު ހަ ކަމަކަށެވެ.
ޒަކާތު ހައުސްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ކެންސަރު ބަލީގެ ފަރުވާއަށް 619،264.57 ރުފިޔާ ހަރަދުކޮށްފައިވާއިރު، ހިތުގެ ބަލިތަކަށް 72،088.50 ރުފިޔާ ހަރަދުކޮށްފައިވެއެވެ.
މީގެ އިތުރުން ސިކުނޑީގެ ބަލިތަކަށް 55،126.50 ރުފިޔާ އާއި، ޓްރާންސްޕްލާންޓަށް 50،886 ރުފިޔާ ހަރަދުކޮށްފައިވެއެވެ. އަދި ކިޑްނީގެ ބަލިތަކަށް 21،835.50 ރުފިޔާ އާއި، ފުއްޕާމޭގެ ބަލިތަކަށް 16،962 ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
މި ބަލިތަކުގެ އިތުރުން އެހެނިހެން ބަލިތަކަށްވެސް މި ފަންޑުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ޒަކާތު ހައުސްއިން ބުނެފައިވެއެވެ. އެގޮތުން އެހެނިހެން ބަލިތަކަށް 620،540 ރުފިޔާ ހަރަދުކޮށްފައިވެއެވެ.
މިދިޔަ މޭ މަހު ޒަކާތު ފަންޑުން އެހީ ދޫކޮށްފައިވަނީ 116 މީހަކަށެވެ. އެހީގެ ގޮތުގައި ޖުމުލަ 1.4 މިލިއަން ރުފިޔާ ހަމަޖައްސާފައިވާއިރު، އެހީގެ ގޮތުގައި ޚަރަދުކޮށްފައިވަނީ 3.9 މިލިއަން ރުފިޔާއެވެ.
ޒަކާތު ހައުސްއިން ފާހަގަކުރި ގޮތުގައި، މޭ މަހު ކުރި ހަރަދުތަކުގެ ތެރޭގައި ކުރީގެ މަސްތަކުގައި އެހީ ހަމަޖެހިފައިވާ ފަރާތްތަކުގެ ހަރަދުވެސް ހިމެނެއެވެ.




