ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަލަށް އިމާރާތްކުރަމުންދާ ސްކޫލް، އަންނަ ދިރާސީ އަހަރު ހުޅުވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.
މިއަދު ހަވީރު 3:15 ހާއިރު މިނިސްޓަރު އެ ސްކޫލުގެ މަސައްކަތް ބައްލަވާލެއްވުމަށް ވަޑައިގެން، އެކި ފްލޯތަކަށް އަރުއްވައި މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މިއީ ގްރޭޑް 10 އާ ހަމައަށް ކިޔަވައިދޭނެ ސްކޫލެކެވެ. ސްކޫލްގެ ނަމަކީ ޝަހީދު އަލީ ސްކޫލް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި ސްކޫލުގައި ޓީޗަރުންނާއި ދަރިވަރުންނަށް ވަކި ކެފެޓީރިއާ ހުންނާނެ ކަމަށާއި، ރާއްޖޭގެ އެހެން ސްކޫލުތަކާ ޚިލާފަށް މި ސްކޫލުގައި ހޯލަކާއެކު އޮޑިޓޯރިއަމްއެއް ޤާއިމްކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ހުރިހާ ކްލާސްރޫމެއްގައި އޭސީ ހަރުކުރެވޭނެ ކަމަށާއި، ރަނގަޅު ފެންވަރުގެ ލައިބްރަރީއަކާއި ސައިންސް ލެބްތައް ވެސް ހުންނާނެ ކަމަށް މިނިސްޓަރު ހާމަކުރެއްވިއެވެ.
މިނިސްޓަރު ޝަފީއު ވިދާޅުވި ގޮތުގައި 20 ކުދިންގެ ތިން ލިފްޓާއެކު ސޯލާ ޕެނަލް ވެސް މި ސްކޫލުގައި ޤާއިމްކުރެވޭނެއެވެ. ހަތަރެސްކަނަށް ބިނާކުރެވޭ މި ސްކޫލުގެ ވަށައިގެންވާ އުސް އިމާރާތްތަކުން ސްކޫލުގެ އެތެރެ ނުފެންނާނެ ގޮތަށް ވަނީ ފަރުމާކުރެވިފައެވެ.
މިނިސްޓަރު ވިދާޅުވީ ޝަހީދު އަލީ ސްކޫލްގެ ނަން ދެވިފައިވަނީ ޝަހީދު އަލީ ރަސްގެފާނަށް ނިސްބަތްކޮށް ކަމަށެވެ.
އަދި ސްކޫލް ހުންނަ ސަރަހައްދުގެ ސަބަބުން ދަރިވަރުންނަށް ފަސޭހަކަމާއެކު ސެޝަންތަކުގައި ކުޅިވަރު ކުޅުމަށް ދަނޑުތަކަށް ދެވޭނެ ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.


