ބާސެލޯނާގެ އެދުމަށް ފުރަގަސްދީ، އެތުލެޓިކް ބިލްބާއޯގެ ފޯވާޑު ނިކޯ ވިލިއަމްސް، އޭނާގެ ކްލަބާއެކު 2035 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އެއްބަސްވުން އިތުރުކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމާއެކު، އޭނާ ވަނީ ބާސެލޯނާ އަދި ބަޔާން މިއުނިކުން ހުށަހަޅާފައިވާ ހުށަހެޅުންތަކަށް ނޫނެކޭ ބުނެފައެވެ.
އެތުލެޓިކް ބިލްބާއޯއިން ހާމަކުރި ގޮތުގައި، މި އެއްބަސްވުމުގެ ދަށުން 22 އަހަރުގެ ތަރި ރިލީޒް ކްލޯޒް 50 އިންސައްތަ އިތުރުކޮށް، 62.6 މިލިއަން ޕައުންޑަށް ބަދަލުކޮށްފައިވެއެވެ. ކުރިން އޭނާގެ އެއްބަސްވުން ހަމަވާން އޮތީ 2027 ވަނަ އަހަރުގައެވެ.
”ގޮތް ނިންމަން ޖެހޭއިރު، އަހަންނަށް އެންމެ ބުރަވެވެނީ ހިތަށް. އަހަރެން މިހުރީ އަހަރެން ހުންނަން ބޭނުންވި ތަނުގައި، އަހަރެންގެ ރައްޓެހިންނާއެކު. މިއީ އަހަރެންގެ ގެ.“ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ނިކޯ ބުންޏެވެ.
ބިލްބާއޯގެ ޔޫތު އެކަޑަމީން އުފެދުނު ވިލިއަމްސް، އޭނާގެ ކްލަބަށް ފުރަތަމަ މެޗު ކުޅުނީ 2021 ވަނަ އަހަރުގެ އޭޕްރީލް މަހު، އުމުރުން 18 އަހަރުގައެވެ. އެއަށްފަހު އޭނާ ވަނީ ކްލަބަށް ކުޅުނު 167 މެޗުގައި 31 ގޯލު ޖަހާފައެވެ.
އަދި މިދިޔަ ސީޒަންގައި ލަލީގާގައި ބިލްބާއޯއަށް ހަތަރުވަނަ ހޯދައިދީ، މިއަންނަ އަހަރުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވުމުގައި މުހިންމު ދައުރެއް އަދާކުރިއެވެ.
ނިކޯ ވަނީ ޔޫރޯ 2024 ގައި ސްޕެއިން ޗެމްޕިއަންކަން ހޯދުމުގައިވެސް މުހިންމު ދައުރެއް އަދާކޮށްފައެވެ.




