ފީފާ ކްލަބް ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލުގައި ރޭ ކުޅުނު މެޗުން ފްރާންސްގެ ޕެރިސް ސެއިންޓް-ޖަރމޭން (ޕީއެސްޖީ) އިން ޖަރުމަނުގެ ބަޔާން މިޔުނިކް ބަލިކޮށް މުބާރާތުގެ ސެމީ ފައިނަލަށް ގޮސްފަިއެވެ.
ޕީއެސްޖީއިން ބަޔާން ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ.
މި މެޗު ނިމުނުއިރު ޕީއެސްޖީ ކުޅެން ޖެހުނީ ދެ ކުޅުންތެރިން މަދުކޮށެވެ.
މެޗުގެ ފުރަތަމަ ހާފުގައި ބަޔާންގެ ޑަޔޫޓް އުޕަމެކާނޯ ޖެހި ލަނޑު ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ބެލުމަށްފަހު އޮފްސައިޑްގެ ސަބަބުން ބާތިލުކުރިއެވެ. އަދި ނިމުނުއިރު ދެ ޓީމަށްވެސް ލަނޑެއް ނުޖެހުނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ބަޔާންގެ ޖަމާލް މުސިއާލާ އަށް ޕީއެސްޖީގެ ޖިއަންލުއީޖީ ޑޮނަރުންމާގެ ފައިން ޖެހި، ފައިގެ ކުޑަ ހުޅަށް ސީރިއަސް އަނިޔާއެއް ލިބިފައިވެއެވެ.
މެޗުގެ 78 ވަނަ މިނެޓުގައި ޕީއެސްޖީއަށް ކުރިއެރުން ހޯދައިދިނީ ޑެޒެއާ ޑޫއޭ އެވެ. އޭގެ ހަތަރު މިނެޓު ފަހުން ޕީއެސްޖީގެ ވިލިއަން ޕަޗޯ އަށް ނުރައްކާތެރި ފައުލެއް ކުރުމުން ރަތް ކާޑު ދެއްކިއެވެ. މެޗު ނިމެން ކައިރިވެފައި ވަނިކޮށް ބަޔާންގެ ހެރީ ކޭން ޖެހި ލަނޑުވެސް އޮފްސައިޑްގެ ސަބަބުން ބާތިލުކުރެވުނެވެ.
މެޗުގެ އިތުރު ވަގުތުގައި ޕީއެސްޖީގެ ލޫކަސް ހެނާންޑޭޒް އަށްވެސް ރަތް ކާޑު ދެއްކުމާއެކު، އެ ޓީމުން މެޗު ނިންމާލަން ޖެހުނީ ނުވަ ކުޅުންތެރިންނާ އެކުގައެވެ. ނަމަވެސް އިތުރު ވަގުތުގެ ހަވަނަ މިނެޓުގައި އޮސްމާނޭ ޑެމްބެލޭ ޕީއެސްޖީގެ ދެވަނަ ލަނޑު ޖަހައި، މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކުރިއެވެ.
މި މުބާރާތުގެ ސެމީ ފައިނަލުގައި ޕީއެސްޖީ ބައްދަލުކުރާނީ ސްޕެއިންގެ ރެއާލް މެޑްރިޑާއެވެ. މި މެޗަކީ ޔޫރަޕްގެ ބޮޑު ދެ ކްލަބު ބައްދަލުކުރާ މެޗަކަށް ވުމާއެކު، ގިނަ ބަޔަކު މި މެޗަށް ޝައުގުވެރިވެފައިވެއެވެ.


