ޒަކާތު ފަންޑުން މިއަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ ތެރޭގައި 590 މީހަކަށް ބޭސްފަރުވާގެ އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ހާމަކޮށްފިއެވެ.
ޒަކާތު ފަންޑުން ބުނިގޮތުގައި ޖޫން މަހުގެ ނިޔަލަށް ބޭސްފަރުވާއަށް 8.4 މިލިއަން ރުފިޔާއަށް ވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވެއެވެ.
ޒަކާތު ފަންޑުން ހާމަކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި މުއްދަތުގައި އެންމެ ގިނަ ހޭދައެއް ކޮށްފައިވަނީ ކެންސަރު ބައްޔަށް ފަރުވާ ހޯދާ ފަރާތްތަކަށެވެ. އެގޮތުން ކެންސަރު ބަލީގެ ފަރުވާއަށް އެކަނި 2.3 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.
މަހުން މަހަށް ބަލާއިރު، އެންމެ ގިނަ އަދަދެއްގެ ފައިސާ ހޭދަކޮށްފައި ވަނީ މެއި މަހުއެވެ. އެއީ 3.9 މިލިއަން ރުފިޔާއެވެ. ޖެނުއަރީ މަހު 760,000 ރުފިޔާ، ފެބްރުއަރީ މަހު 750,000 ރުފިޔާ، މާރިޗު މަހު 840,000 ރުފިޔާ، އޭޕްރީލް އަދި ޖޫން މަހު 1.1 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.
ބޭސްފަރުވާގެ އިތުރުން، ޒަކާތު ފަންޑުން ވަނީ އެހެނިހެން ދާއިރާތަކަށްވެސް އެހީތެރިކަން ފޯރުކޮށްދީފައެވެ. މިގޮތުން ފަޤީރުންނާއި މިސްކީނުންގެ ބައިން 110,000 ރުފިޔާއަށް ވުރެ ގިނަ ރުފިޔާ ޒަރޫރީ އެހީގެ ގޮތުގައި ދޫކޮށްފައިވެއެވެ.
އަދި ޒަކާތުގެ މަސައްކަތްތަކުގައި ހަރަކާތްތެރިވާ އާމިލުންގެ ބައިން 4.2 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.
މީގެއިތުރުން، ފީސަބީލިﷲ ބައިން ޤުރުއާން ހިތުދަސްކުރުމާއި ޤުރުއާންގެ އިލްމު ފެތުރުމަށް 2.3 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، ދީނީ އެކިއެކި ޕްރޮގްރާމްތައް ހިންގުމަށް 1.66 މިލިއަން ރުފިޔާއަށް ވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާކަމަށް ޒަކާތު ފަންޑުން ހާމަކޮށްފައިވެއެވެ.




